މިއަދުވެސް މުޅި ރާއްޖެއަށް ވިއްސާ ކުރާނެކަމަށް މެޓު އޮފީހުން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމާއި ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ވަޔަށް ބަލާއިރު ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް މެޓުން ބުނިއެވެ.
ވިއްސާރަ ދުވަސް ދުވަހު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން މައުލޫމާތުދީފައިވާއިރު، މެދު ރާއްޖެތެރެއާއި ދެކުނަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ހިއްސާކޮށްފައިވާ ގޮތުގައި ކަނޑުތަށްވެސް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެކަމަށް މެޓުން ވަނީ ބުނެފައެވެ.
އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ވެސް އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެކަމަށް މެޓުން ވަނީ ބުނެފައެވެ. މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށްވެސްވެއެވެ. ވާރޭ ވެހޭ އިރު ކަނޑު ދަތުރު ނުކުރުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އާދައިގެ ވަރަކަށް އޮންނަ އިރު ކަނޑު ދަތުރު ކުރުން މައްސަލައެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ނެރެފައިވަނީ ވައިޓް އެލާޓެވެ.

