ދުސްތޫރީ ނިޒާމުގެ ދަށުން 1932 ވަނަ އަހަރު ރާއްޖޭގައި ގާނޫނުއަސާސީ ވުޖޫދުވެގެން އައުމަށް ފަހު އޭރު ހުންނެވި އުއްތަމަ ފަނޑިޔާރު މިނިސްޓްރީ އޮފް ޖަސްޓިސްގެ މަގާމަށް ބަދަލު ކުރެވިގެން ދިޔަ އެވެ. އޭރު ވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ދެލިކުރެވިފައިވާ ވާހަކައަކީ، އަދުލު އިންސާފު ގާއިމު ކުރުމެވެ. ދިވެހިރާއްޖޭގައި ފަނޑިޔާރު ގެއެއް ހުންނަންވާނެކަމަށާއި، އެ ފަނޑިޔާރުން އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި، ނައިބެއްގެ މައްޗަށްކަމަށް އެ ގާނޫނުގައި ވެއެވެ. އޭގެ 36 އަހަރު ފަހުން، 1968 ވަނަ އަހަރު ގާއިމު ކުރެވުނު ޖުމްހޫރިއްޔާއާއި އެކު ފަނޑިޔާރުގެ އުވި ދެން އުފެދުނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކެކެވެ. އެ ޑިވިޜަންތަކުގައި ގާޒީން ތިއްބަވައި ޝަރީއަތްތައް ފެށުނު ހިސާބަކީ މިއީ އެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ބަދަލުތަކެއް އައިސް އެންމެ ބޮޑު ބަދަލެއް ނުވަތަ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަލްއުސްޛު މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު ޝަރުއީ ނިޒާމް އިސްލާހުކުރުމަށްޓަކައި ފެއްޓެވި މަސައްކަތުގެ ތެރޭގައި 1968 ގައި އުފެދުނު މިނިސްޓްރީ އޮފް ޖަސްޓިސްގެ ޝަރުއީ ޑިވިޜަންތައް އުވާލައްވާލައި 1979 ގައި އެ ތަންތަނަށް ކޯޓުތަކުގެ ނަން ދެއްވިއެވެ. އޭގެ ފަހުން ކޮންމެ ރަށެއްގައި ރަށުކޯޓުތައް އުފެއްދެވައި 1980 ގައި އޭރު މަތީ ކޯޓުކަމުގައިވާ ހައިކޯޓު އުފެދުނެވެ.
ދިވެހިރާއްޖޭގައި ހައިކޯޓަށް ފަހު އެންމެ މަތީ ކޯޓު ނުވަތަ ސުޕްރީމް ކޯޓު އުފެދުނީ 2008 ވަނަ އަހަރު ލިބިނު ފެހި ގާނޫއަސާސީގެ ދަށުންނެވެ. އޭގެފަހުން ދެން އުފެދިގެން އައި ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާ، ސިވިލްކޯޓު ފަދަ ކޯޓުތަކެވެ. ތާރީހަށް އަލިއަޅުވާލުމުން ވެސް ފެނިގެން ދަނީ ރާއްޖޭގައި ދުސްތޫރީ ހުކޫމަތެއް ގާއިމުވި ހިސާބުން ފެށިގެންވެސް އަދުލުއިންސާފުގެ ވާހަކަ، ވުޖޫކުރެވުނު ކޮންމެ ގާނޫނުއަސާސީއެއްގައި ބަޔާންކޮށްފައިވާކަމެވެ.
2019 ވަނަ އަހަރު އައްޔަނުކުރި އައު ފަނޑިޔާރުންނާއި އެކު ކޯޓުގައި ޝަރީއަތްތައް ހިންގަމުން އައި ބާރު ދުވެލީގައި ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައި ”އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތްކުރެވުމުގެ ހައްގު“ ކަށަވަރުކުރުމުގެ އަމަލީ މަސައްކަތުގައެވެ.
2020 ގައި އައި ކޮވިޑުގެ ހާލަތާއި ގުޅިގެން ޝަރީއަތްތަކުގެ ސްޕީޑަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް އޭރުވެސް ޝަރިއަތްތައް އައީ އެކަށީގެންވާ މިންގަނޑެއްގައި އޮންލައިންކޮށް ހިނގަމުން ދިޔައެވެ. އެކަމަކު ތީމުގޭގައި ހިންގަމުން އަންނަ ކޯޓު އިމާރާތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަނުގެ ހާލަތެވެ. ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން ޝަރީއަތްތައް ހިންގަމުން ދަނިކޮށް ކޯޓުގެ ފުރާޅުން ޓިނު އެއްލާލި އެވެ.
ފުއްލާ ސްޕީޑުގައި ހިންގަން ބޭނުންވި ޝަރީއަތްތައް، ފިނިހަކަ ސްޕީޑަށް ބަދަލުވެގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ އެވެ. ފަނޑިޔާރުން ކިތަންމެ ބޭނުންވި ނަމަވެސް އޭގެ ފަހުން ކޯޓުގައި މަސައްކަތްކުރެވޭ ގޮތަށް އޮތީ ޝަރީއަތްކުރާ ދެ ކޮޓަރިއެވެ. އެ ދެކޮޓަރީގައި ޝަރީއަތް ހިންގުމަށް ކޮންމެ ފަނޑިޔާރަކަށް ލިބެނީ ހަފްތާއަކު ދެ ދުވަހެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މަަސައްކަތް ނުކޮށް ޝަރީއަތްތައް އަވަސް ކުރުމަށް ގޮވާލުމުން އެކަން އަވަސްވެގެން ނުދާނެވެ. ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަންކަމުގެ ތެރޭގައި ކޯތުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތަކަކީ އެންމެ އަސާސި އެއްކަމެވެ. އެކަންވެސް މިއަދާ ހަމައަށްއައިރު އޮތީ ހަމަ ބަރަވެލި ސްޕީޑުގައެވެ.
ދެންދައްކަން އޮތީ އެކަށީގެންވާ ވަސީލަތްތައް ހުރި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ވާޙަކައެވެ. ސުޕްރީމްކޯޓުގެ ވަސީލަތްތައް މިއަދު އެކަށީގެންވާ ވަރެއްގައި ހުރިނަމަވެސް އެ ކޯތުގެ ޝަރީއަތްތައްވެސް ނިމެނީ އެހާ ލަހުންނެވެ. މަދުވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތއް ނިމުމަކީ މިއަދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވަންނަ ކޮންމެ މީހެއްގެ ހައްގުތައް ކަށަވަރުވުމުގައި ލަސްވުމެކެވެ. ނުވަތަ ގާނޫނުއަސާސީ އާއީ ޖިނާއީ އިޖުރާއަތު ގާނޫން ވަކި މުއއްދަތެއްގެ ތެރޭގައި ކޮންމެ މީހަކަށް ކަށަވަރު ކޮށްދޭ ކަންކަން ނުކުރެވި އޮތުމެވެ. އެހެންނަމަވެސް ކޯޓުތައް ގާއިމްކުރެވި އެ ކޯޓުތަކަށް ނަންތައް ކަނޑައެޅުނު ނަމަވެސް އިތުރަށް މިފަހުގެ ތާރީހާ ޖެހެންދެންވެސް ކޯތުތަކަށް ދޭންޖެހޭ ފުރިހަމަ ވަސީލަތްތަކެއް ސަރުކާރުން ފޯރުކޮށްދީފައެއް ނުވެއެވެ.
އެންމެ ފަހުން ހިނގައިދިޔަ މައްސަލައެއްކަމަށްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަގިއްޔު [2024/SC-A/09] ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ފަނޑުޔާރު ހުސްނުއް ސުއޫދު ވިދާޅުވި ބަސްކޮޅަކަށް އަލިއަޅުވާލާނަމެވެ.
”މިހާރު ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން، ރިމާންޑް ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރިއަތުގެ މަރުހަލާ އަވަސް ކުރުމެވެ. ޝަރިއަތުގެ މަރުހަލާ އަވަސްކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރިއަތްކުރާނޭ އެކަން ކުރުމަށް އެކަށޭނަ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާ އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައި ދިނުމެވެ. އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރިއަތްތައް އަވަސްކުރަން ނުވަތަ ރިމާންޑް ބަންދުގައި ތިބޭމީހުންގެ އަދަދު މަދުކުރަން އުއުމީދުކުރާ ކުރުމަކީ ކަނޑުގައި ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެކެވެ“
މި ބަސްކޮޅުންވެސް ދޭހަ ވަނީ ޝަރިއަތުގެ މަރުހަލާ ގާނޫނު ބުނާގޮތަށް އަވަސް ކުރެވެން އޮތީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދީގެން ކަމެވެ. މިއަދު ކޯޓާއި ފަޓުލޫނުގައި ކޮންމެ ފަނޑިޔާރަކަށްވެސް ކިތަންމެ ބައިވަރު ފައިލާއި ފޮތާއި ހިފައިގެން ގޮސް ކޯޓުގެ ގޮނޑީގައި އިށީންދެވިދާނެއެވެ. އެހެންނަމަވެސް ފަނޑިޔާރުންނަށް ޝަރީއަތައް އަވަސް ކުރުމަށް މަގުފަހިކޮށްދޭނެ މީހަކު ނެތުން އެއީ މިއަދު ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިއޮތް އެންމެ ބޮޑު ނުތަނަވަސްކަމެވެ. ކޯޓުތަކުގެ ބެކްލޮގް ބޮޑުވެ ޝަރީއަތްތައް ދިގުލައިގެންދާން ދޫކޮށްލުމަކީ އެތައް ބަޔެއްގެ މަސްލަހަތު އެކަމެއްގައިވާ ކަންކަން ހުއްޓިފައި ނުވަތަ ”ވާނުވާ“ އެއްގައި އޮތުމެވެ.
ރާއްޖޭގައި އެއް ދައުރުން އަނެއް ދައުރަށް ބަދަލުވާއިރު ހަމަ ޝަރުއީ ނިޒާމުގައި ހަމައެކަނި ބަދަލުވަނީ ގާނޫނުތަކާއި ހެދިފައިވާ ގަވައިދުތައް އެކަންޏެވެ. އެހެންނަމަވެސް ކޯޓުތަކުގެ ޝަރީއަތްތައް އަވަސްކުރުމަށް ނުވަތަ ގާނޫނާއި ގަވައިދު ތަންދޭގޮތަށް އަމަލުކޮށް ވަށާޖެހޭ ހައްލެއް ގެނައުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ޖުޑިޝިލް ސާވިސް ކޮމިޝަން ހިމެނޭހެން ދައުލަތާއެކު މަސައްކަތް ކުރުމަކީ އެ ކޮންމެ މުވައްސަސާއަކަށް މަތިކޮށްފައިވާ މުހިންމު ޒިންމާއެވެ.

