ޒަކާތާ ގުޅޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދަރުސްތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.
މިނިސްޓްރީއިން ބުނީ މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ޒަކާތުގެ މައުލޫއަށް ކަމަށެވެ. ހުތުބާގެ އިތުރުން، މާލޭ ސިޓީ ހިމެނޭ ގޮތަށް މަގްރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަގްރިބު ނަމާދަށްފަހު އޮންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދަރުސްތަކުގެ މަގްސަދަކީ، މުޖުތަމައުގެ ތެރޭގައި އިޖްތިމާއީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލުތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމު ކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ. އެ ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ އޭގެ ސަބަބުން ޒަކާތާއި ގުޅޭ އިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށް ކަމަށެވެ.

