މަސައްކަތާއި ހަވާލުވީއިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވަރަށް ބޮޑު ބެކްލޮގެއް އޮތް ކަމަށާއި އެހެންނަމަވެސް މިހާރު ބެކްލޮގް ގާތްގަނޑަކަށް ކްލިއާރ ކުރެވި ބާކީ ތިބީ ހަތަރު މީހުން ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވަލޮޕްމެންޓްގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވަލޮޕްމެންޓްގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު އިސްމާއީލް ވިދާޅުވީ 1976 އަކުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ މަރުކަޒު ގާއިމު ކުރެވުނު ކަމަށެވެ. މި ސަރުކާރު ފެށުނު ފަހުން އެ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އައިމިނަތު ވިދާޅުވިއެވެ.
މިހާރު ހާއްސަ އެހީއަށް ބޭނުން ޖެހިފައިވާ މީހުންގެ މަރުކަޒުގައި ޖުމްލަ 220 މީހުން ތިބި ކަމަށާއި އޭގެތެރެއިން އެނދުމަތިވެފައިވާ 15 މީހަކާއި، އުމުރުން ދުވަސްވީ 31 މީހަކު ތިބި ކަމަށް އައިމިނަތު ފާހަގަކުރައްވާފައިވެއެވެ. އަދި މީގެ ތެރެއިން 180 މީހުންނަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންކަމަށް ވިދާޅުވިއެވެ.
ކުރިއާއި ހިލާފަށް މިހާރު މަރުކަޒަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ކެޓެގަރައިޒް ކޮށްފައިވާކަމަށް އައިމިނަތު ވިދާޅުވިއެވެ.
”އެކި ކަލަ ކަންކަން ތަހައްމަލު ކުރަމުންދާ މީހުން ކެޓަގަރައިޒް ކޮށް، ވަކިކޮށް އެމީހުން، ވަޔަލެންޓް މީހުންނާއި އަވަސް މުއްދަތެއްގައި ނެރެވޭނެ މީހުން ފާހަގަކޮށް އަންހެން ފިރިހެންވެސް ކެޓަގަރައިޒް ކޮށްފައި ހުންނާނީ. ވަރަށް ދުވަސް ވެއްޖެ އެތާ މީހުން ތިބޭތާ. ގާތް ގަނޑަކަށް 20 އަހަރު އަދި 30 އަހަރުވެފައިވާ މީހުން އެބަތިބި“
މިވީ ހަމަސް ދުވަހުގެ ތެރޭގައި މިހާރު ތިބި 220 މީހުންގެ ޑައިގްނޯސިސް އާއި، ކޮންމެ މީހަކަށް ވަކި ފައިލްއަކާއި އަދި ކޭސްތައް ވަކި ކުރެވޭނެ ސިސްޓަމެއް ގާއިމު ކޮށްފައިވާކަމަށް އައިމިނަތު ވިދާޅުވިއެވެ. ގާއިމުކުރެވިފައިވާ ސިސްޓަމްގައި މީހަކު މަރުކަޒަށް ގެނައުމުން އާއިލާގެ އެއްވެސް މީހަކު އެމީހާ ބަލަން ހުރިތޯ، ނުވަތަ މުޖުތަމައުގައި އިތުރު މީހަކު ބަލަަން ހުރިތޯ މިނިސްޓްރީގެ ދަށުން ބަލާނެ ކަމަށް ވިދާޅުވިއެވެ.
މަރުކަޒަށް މީހަކު ހަވާލު ކުރުމަށް އަންނަ އިރު ބެލެނިވެރިފަރާތަކީ އެ ޒިންމާ އުފުލާނެ ފަރާތެއްތީ ކަށަވަރު ކުރުމަށްޓަކައު އެގުރިމެންޓުތައް ވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށް އައިމިނަތު ވިދާޅުވިއެވެ. އެފަދަ މަރުކަޒު ތަކަކީ ފަރުވާއަށްލާ ތަނެއް ކަމަށާއި އެމީހާ މަރުކަޒަށް ދޫކޮށްލާ ހިސާބުން އެމީހާއަށް ޒިޔާރަތް ނުކޮށް އަޅާނުލާ ހުންނަ ކަމަށް އައިމިނަތު ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން މިހާރު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައު ޒަރޫރީ ބޭނުންތަށް ފުރިހަމަކޮށްފައިވާ ކަމަށާއ އޭގެތެރެއިން މަރުކަޒުގައި ރިޒާވްގައި ހުންނަ ވަރަށް އެނދު ހޯދައިފައިވާ ކަމަށާއި، އަދި ފުރޮޅުލީ ގޮނޑިއާއި އެމީހުންނަށް ބޭނުންވާނެ ބޭސްފަރުވާ ވެސް ހަމަޖައްސައިފައިވާ ކަަމަށް އައިމިނަތު ވިދާޅުވިއެވެ.

