ވިއެޓްނާމްގެ ރައީސްކަމާއި އެ ގައުމުގެ އެންމެ އިސް ސަލާމަތީ އޮފިޝަލްގޮތުގައި ހުންނެވި ތޯ ލާމް ހަވާލުވެވަޑައިގެންފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޓޯލާމް ވިއެޓްނާމްގެ ރައީސްކަމާއި ހަވާލުވީ މޭ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އޭނާއަކީ މީގެ ކުރިން އެ ގައުމުގެ ފުލުހުންނާއި އިންޓެލިޖެންސް މަސައްކަތްތަކުގައި އިސްވެ ހުންނެވި މީހާކަމަށާއި އެ ދުވަސްވަރު އެ ގައުމުގައި ރައްޔިތުންގެ ހައްގުތައް ހަނިކުރެވިފައިވާކަމުގެ ޝަކުވާތައްވެސް ލިބޭކަމަށް ރިޕޯޓުތައް ކުރެވިފައިވާކަމަށް މީޑިއާތަކުން ބުނާއިރު ވިއެޓްނާމްގެ ސީކްރެޓް ސާވިސްގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނާއި ހިލާފުވުމުގެ ތުހުމަތުވެސް ކުރެވޭކަމަށް ބުނެފައިވެއެވެ.
ލާމް ރައީސްކަމާއި ހަވާލުވެވަޑައިގަތީ އެ ގައުމުގައި ހިންގަމުންދާ އެންޓި ކޮރަޕްޝަން ކެމްޕެއިނެއްގެ ތެރެއިން ރައީސްކަމުގައި ހުންނެވި ވޯ ވޭން ތުއޮންގް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިހާރު އެ ގައުމުގައި ފެންމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން މުޅި ގައުމުގެ ސިޔާސީ މައިދާނަށް ލޮޅުންތައް އައިސްފައިވާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، އެކަމުގެ ސަބަބުން ވިޔަފާރީގެ މައިދާނުގެ އިތުރުން ސަރުކާރުގެ އެންމެ މަތީ ފަޑިޔަށާއި ބާރުވެރިކަމަށްވެސް ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށް ބުނެފައިވެއެވެ.

