ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ކުރާ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ވެރިއެއްކަމަށާއި، އެއްބައިވަންތަ ޕާލިމެންޓެއް އޮންނާނެކަން ޔަގީންކަން އެބައޮތްކަމަށް މަޖިލީހުގެ ރައީސްކަމަށް ނަން ހުށައަޅާފައިވާ، ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް ޑރ މުއިއްޒު، އެމަނިކުފާނުގެ ނަން ހުށައެޅުވުމުން ޝުއޫރުތައް ހިއްސާ ކުރައްވަމުން އަބްދުލްރަހީމް ވިދާޅުވީ ހިތުގެ އިހުލާސްތެރި ޝުކުރު ރައީސްއަށް އަރިސް ކުރައްވާކަމަށެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެއް ބާރުގެ ވެރިއަކަށް ރައީސް ޑރ މުއިއްޒު އެމަނިކުފާނު ހަމަޖައްސަވާފައިވާކަން ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ، ރައީސް އެ ކުރެއްވި އިތުބާރު ދުވަހަކުވެސް ހަދައިން ނައްތާ ނުލައްވާނެކަމަށެވެ.
އެހެންވީމަ ހަމަ ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.
އަބްދުލްރަހީމް ވިދާޅުވިއެވެ.
އޭނާއަށް ވަރަށް ގިނަ ލީޑަރުންނާއިއެކު މަސައްކަތް ކުރެވިފައިވާކަމަށް ފާހަގަކޮށް، އަބްދުލްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ފާހަގަވެގެންދިިޔައީ، ކުރާ މަސައްކަތުގެ އަގު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ބޭފުޅެއްގެ ގޮތުގައިކަމަށެވެ.
ޕީޕީއެމް/ޕިއެންސީއަށް އޭނާވާނީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު އިހުލާތެރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިކަމަށް އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި މެންބަރުން، އެއްބައިވަންތަކަމާއިއެކު ދެމެހެއްޓިދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ. އެއީ ރައީސް ޑރ މުއިއްޒަކީ، މީހުންނާއިއެކު މަސައްކަތް ކުރުމުގެ ވިސްނުން ހުންނަވާ ބޭފުޅަކަށްވާތީކަމަށް ވިދާޅުވިއެވެ. އަދި މަޝްވަރާވެސް ބަލައިގަންނަ ބޭފުޅެއްކަމަށާއި، ކެނޑިނޭޅި ލަފައާއި އިރުޝާދުވެސް ދެއްވަމުން ގެންދަވާ ބޭފުޅެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
ދެން ޕާޓީގެ ޕާލިމަންޓް ގުރޫޕުގެ މަގާމުތަކަށް އައްޔަނު ކުރެއްވީ:
ޕީޖީ ލީޑަރުގެ މަގާމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު
ސީނީއަރ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު
ޑެޕިއުޓީ ޕީޖީންގެ މަގާމަށް:
ވިލިނގިލި ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް
މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތާރިގު
ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދު
މި ނަންތައް ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންކަމަށް ޕާޓީއިން ބުނިއެވެ.

