ރާއްޖޭގައި ވަސީލަތްތަކާއި ތަމްރީނުތައް ދީފައިވާ ސިފައިން ތިބޭ އިރު ބޭރު ގައުމެއްގެ އާންމު ރައްޔިތުންތަކެއް އައިސް އެމްއެންޑީއެފްގެ އުޅަނދުތަކާއި ވަސީލަތްތައް އޮޕަރޭޓްކުރަމުންދިއުމާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި އެކަމާއިމެދު ސުވާލު އުފެދިފައިވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގައި ކުރެވެމުންދާ ސަލާމަތީ ދިފާއީ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ޑްރޯންތައް ގެނައުމާއި ގުޅޭގޮތުން ސަރުކާރުން ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުމަތީގެ ހުރިހާ ސަލާމަތީ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ސިފަވެގެންދިޔަކަމަށެވެ. އަދި ވާހަކަތައް ހުރިގޮތުން ޑްރޯންމެދުވެރިކޮށް ހޯދުމަށްފަހު ހަމަ އޭތި ބޭނުންކޮށްގެން ސަލާމަތާއި ހިސާބަށް ގެންދެވޭނެކަމަށްވެސް އާންމު ރައްޔިތަކަށް ހީވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޑީއެފްގެ އެއަރވިންގެއް އުފެއްދުން ފަދަ މަސައްކަތްތަކުން އެމްއެންޑީއެފްއަށް ދެން އިތުރު އެއްވެސް ފަރާތެއްގެ އެހީއެއް ބޭނުން ނުވާނެ ކަމަށް ސިފަކޮށްފައިވާނަމަވެސް ހާދިސާއެއް ދިމާވުމުން ދާދި ފަހުންވެސް ބޭނުންކޮށްފައިވަނީ މޯލްޑިވިއަންގެ އުޅަނދެއްކަމަށްވެސް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ސަރުކާރުގެ އޮފިޝަލުން ދައްކާ ވާހަކަތަކުން ޑްރޯންއަކީ ހުރިހާ މައްސަލައެއްގެ ހައްލުކަމަށް ހީވެގެންދާނެކަމަށެވެ. އެހެންނަވެސް ޑްރޯންއިން ކަނޑުމަތިން މަސްތުވާތަކެތި ފަދަ އެއްޗެއް ފެނުނު ނަމަވެސް ބަލާދާންޖެހޭނީ އެމްއެންޑީއެފްގެ ކަނޑު އުޅަނދަކުންކަމަށް ހިއްސާކުރެއްވިއެވެ. އަދި އެފަދަ މައްސަލައެއްގައި ކޮންމެވެސް ބަޔަކު ނުކުމެ އަމަލީގޮތުން އެކަމެއް ހުއްޓުވަންޖެހޭނެކަަމަށެވެ.
އޭނާ ވިދާޅުވީ، ދާދި ފަހުން ރާއްޖެއިންވަނީ ބޭރުގެ މަސް ދޯޏެއް ރާއްޖޭގެ ސަރަހައްދަށް ވަތް މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށް ބޯޓުވެސް އަނބުރާ ދީފައިކަމަށެވެ. އެހެންކަމުން 39 މިލިއަން ދީގެން ޑްރޯންތަކެއް ގަނެގެން ސަރުކާރުން ކުރަމުންދަނީ ކޮން މަސައްކަތެއް ތޯ ބެލުން މުހިންމުކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެކެވެމުންދަނީ ވަރަށް ބައިވަރު ފައިސާގެ ވާހަކަ ކަމަށެވެ. އަދި ކުރެވެމުންދަނީ ހަރަދާއި އެކަށީގެންވާ ފަދަ މަސައްކަތެއްތޯވެސް ބަލާލުން މުހިންމުކަމަށް ވިދާޅުވިއިރު، ސަރުކާރުން އެ ޑްރޯންތައް ގެނެސް ދެއްކި ވާހަކަތަކުން ރާއްޖޭގެ ހުރިހާ މައްސަލައެއް ހައްލުވެގެންދާނެކަމަށް އޭނާ އަށް ވިސްނިގެންދިޔަކަަމަށާއި އިތުރު އެއްވެސް އަސްކަރީ ވަސީލަތެއްވެސް ބޭނުން ނުވާނެ ފަދަ ގޮތަކަށް އެ ވާހަކަތަކުން ދޭހަވިކަމަށްވެސް ވިދާޅުވިއެވެ.

