މާލީ ބަޔާން ހުށަނާޅާ މީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު “ އެކަސް “ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ މީހުންނާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. 22 މެއި ގައި އިލެކްޝަންއިން ހާމަކުރިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން އަންގާރަ ދުވަހުގެ ރޭގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 186 ކެންޑިޑޭޓުންނެވެ. ގާނޫނުގައިވާ ގޮތުގެ މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު ވަނީ 21 މެއި 2024 ގައި މެންދުރު 12 ގެ ނިޔަލަށް ހަމަވެފައެވެ. އެ މުއްދަތާއި ހަމައަށް މާލީ ބަޔާން ހުށައަޅާފައިވަނީ އަމިއްލަ ގޮތުން ވާދަކުރި 59 ކެންޑިޑޭޓުންނާއި ޕާޓީތަކުން ވާދަކުރި 127 ކެންޑިޑޭޓުންނެވެ. އަދި ޖުމްލަ 182 ކެންޑިޑޭޓުން ވަނީ މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ އެވެ.
މަޖިލިސް އިންތިޙާބުގައި ވާދަކޮށް ނުހޮވުނު ނަމަވެސް އިންތިޙާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ. އީސީން ދީފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަ އަޅާފައިނުވާނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 72،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. އަދި މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ނަމަވެސް މި ފިޔަވަޅުތައް އެޅޭނެއެވެ.

