ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހާމަކޮށްފިއެވެ.
މިނިސްޓްރީއިން މިދިޔަ ހަ މަސް ދުވަހު ކުރެވުނު މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ނިޝާމާ ވިދާޅުވީ ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި، ކަމާއި ގުޅުން ހުރި ގަވާއިދުތައް އެކުލަވާލުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީ ހަރުދަނާ ކުރުމުގެ އިތުރުން ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ނިޝާމާ ވިދާޅުވީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެހީގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، ދަނޑުވެރިކަމާއި ގުޅޭ ތަފާތު ދިރާސާތައްކޮށް، ދަނޑުވެރިކަމުގެ ފަހުގެ ޓެކޮނޮލޮޖީ ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރެވިފައިވާއިރު، މާލީ އަދި ފަންނަނީ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާކަމަށެވެ.
މިވަގުތު މިނިސްޓްރީގައި ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލެވިގެން އެބަވޭ، ޖުމްލަ 85 ރަށެއްގެ 7،627 ދަނޑުވެރިން ފަދްތަރުވެފައި އެބަވޭ.
ނިޝާމާ ވިދާޅުވިއެވެ.
7،627 ދަނޑުވެރިން މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާކަމަށް ފާހަގަކޮށް ނިޝާމާ ވިދާޅުވީ 53 އިންސައްތައަކީ އަންހެން ދަނޑުވެރިންކަމަށްވާއިރު އަނެއް 43 އިންސައްތައަކީ ފިރިހެން ދަނޑުވެރިންކަމަށެވެ. ދަނޑުވެރިންގެ ދަފްތަރު އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ނިޝާމާ ވިދާޅުވިއެވެ.
ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ނިޝާމާ ވިދާޅުވީ، މިއީ އެސްޑީއެފްސީއާއި ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ޕްރޮގްރާމެއްކަމަށެވެ. މި ލޯނުގެ ޒަރިއްޔާއިން އަލަށް ދަނޑުވެރިކަމަށް ވަންނަ ފަރާތްތަކަށް ދަނޑުވެރިކަން ފަށައިގަތުމަށާއި، އަދި މިހާރު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމަށްވެސް އެހީ ލިބިގެންދާނެކަމަށް ނިޝާމާ ވިދާޅުވިއެވެ. ހަމަމިއާއިއެކު ބޮޑެތި އިންވެސްޓްތައް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ޒަމާނީ ޓެކޮނޮލޮޖީ ބޭނުން ކޮށްގެން ދަނޑުވެރިކަން ތަރައްގީ ކުރުމަށް މަގު ފަހިވާނެކަމަށް ފާހަގަކޮށް ވިދާޅުވީ އަދި ދަނޑުވެރިކަމުގެ ފެންދޭ ނިޒާމު ގާއިމްކޮށް އަދި ޕޯލްޓްރީއާއި ދަނޑުވެރިކަމުގައި ގެންގުޅޭ ކުދި ޖަނަވާރު އާލާ ކުރުމަށް އެގްރޯ ފްރޮސްޓީވެސް ކުރެވޭނެކަމަށެވެ. ވެލި އެޑިޝަންގެ މަސައްކަތްތައްވެސް މި ލޯނުގެ ތެރޭގައި އެކުލަވާލެވިފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ރަހުނަކާއި ނުލައި 100،000 ރުފިޔާއާއި ހަމައަށް ދޫކުރެވޭ ލޯނެއްކަމަށް ނިޝާމާ ވިދާޅުވިއެވެ. އެގޮތުން އޭޕްރިލް 30 އާއި ހަމައަށް އަމިއްލަ ފަރުދުންނަށް 4،900،000 ރުފިޔާ ލޯނު ދޫކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުންފުނިތަކަށް 8200،000 މިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ޖުމްލަ 13 މިލިއަން ރުފިޔާގެ ލޯނު މި ޕްރޮގްރާމްގެ ދަށުން ދޫކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

