މިސްކިތްތަށް ސާފުތާހިރުކަންމަތީ ދެމެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ދެމެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި މިސްކިތްތައް ސާފްތާހިރުކޮށް ހުންނަތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މިސްކިތްތަކަށް ވަރަށް ގަދަރުކުރާ ވަރަށް ރަނގަޅަށް ބެލެހެއްޓި ބައެއް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިސްކިތްތައް ލޯބިން ސާފްތާހިރުކޮށް ބެލެހެއްޓުމަކީ ސަވާބާއި ދަރުމަ ލިބޭކަމެއް ކަމަށާއި މިސްކިތުގެ ތެރެއަށް ވެއްޓިފައި އޮންނަ ކުނިކޮޅު ނަގާ ސާފްކުރުމަކީވެސް ހެޔޮ ޢަމަލެއް ކަމަށެވެ.
“ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން އެހީތެރިވެގެން، އެއްބާރުލުންދީގެން، ތަފާތު ފިކުރުތައް އޮތްކަމުގައި ވިޔަސް މިކަންކަމަކީ އެންމެން އެކަމުގަ އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީގެން ކުރަންޖެހޭނެ ކަންކަން..މިއީ އަޅުގަނޑުމެންގެ ގައުމުގެ ބަހާތައް، އިސްލާމްދީނާއި، އެއްބައިވަންތަކަމާއި މިސްކިތްތައް ބެލެހެއްޓުމާއި އަޅުގަނޑުމެންގެ ގައުމުގެ ސާފްތާހިރުކަމާއި މި ހުރިހާ ކަމެއް މިއީ އަޅުގަނޑުމެން ގުޅިގެން ކުރަންޖެހޭ ކަމެއް“ ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިސްކިތް ސާފުކުރުމުގެ މަސައްކަތަށް ދިވެހިން ހަވާލުވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މިސްކިތް ސާފުކުރާ ބަޔަކަށް އެކަމުގެ ސަވާބާއި ހެޔޮކަން އެކި ގޮތްގޮތުން ލިބިދޭ ކަމެއް ކަމަށެވެ. މި ބައްދަލުމަކީ މާލެ ސިޓީ ކައުންސިލުންނާއި އިސްލާމީ ވުޒާރާ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުމެކެވެ.
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް މި ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި، މިސްކިތްތައް ސާފުކުރުމަށް ދިވެހިންނާއި ހަވާލުކުރުމަކީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ އިރުޝާދާއެކުކުރެއްވި މުހިންމު ކަމެއްކަމަށެވެ. އަދި މި މަސައްކަތުގެ މާހައުލުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އެއްބައިވަންތަކަމާއެކު މަަސައްކަތް ކުރުމަަށް ވަނީ އިލްތިމާސްކޮށްފައެވެ. ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މިވަގުތު ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތް ހުންނައިރު ސާފުކުރުމުގެ މަސައްކަތް ކުރާނީ މުޅިން ވެސް ދިވެހިން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
“ މިއަދު އެބަ ޖެހޭ އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަައިގެން އެކަކު އަނެކަކު ދެކެ ލޯތްބާއި އޯގާތެރިކަން ނޫންކަމެއް މިގައުމުގައި ނޯންނާނެ ގޮތަށް އަޒުމްކަނޑައަޅަން.. ކާމިޔާބު ލިބޭނީ އެއިރުން“ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

