މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރި ރިޔާސީ ކޮމިޝަން މިއަދު އުވާލައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިިކަމުގައި ނޮވެމްބަރު 2018 ގައި މަރު ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފެއްދީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށެވެ. ނަމަވެސް ބަލަން ފެށި އެއްވެސް މައްސަލައެއްގައި މިހާތަނަށް އިންސާފާ ހަމައަށް ދެވިފައެއް ނުވެއެވެ. ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ތިން މައްސަލައާއި ގުޅޭގޮތުން ހާއްސަ ރިޕޯޓުތަކެއް ކޮމިޝަނުން ތައްޔާރުކުރިއެވެ.
އެއީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައާއި، ރަހުމްކުޑަ އަނިޔާވެރި ހަމަލާތަކެއްގައި ޔާމީން ރަޝީދު މަރާލި މައްސަލައިގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ކިޔަވަމުންދިޔަ ރައުދާ އާތިފްގެ މަރާއި ގުޅޭ ރިޕޯޓެއްވެސް މަރު ކޮމިޝަނުން ވަނީ ތަހުގީގުކޮށް ނިންމާފައެވެ. މި ރިޕޯޓުތައް ނިންމުމަށްފަހު ރައީސް ސާލިހަށްވެސް އެރުވިކަން ފާހަގަކުރެވެއެވެ.
މި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދާތީ، އާއިލާތަކުގެ އެދުމުގެ މަތިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މިދިޔަ މެއި މަހު ދަންމަވައިލައްވައިފަ އެވެ. މި ކޮމިޝަން އުވާލުމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮމިޝަން އުވާލެއްވީ ހަވާލުކުރި މަސައްކަތްތައް ނިމުމުންކަމަށެވެ. މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ތަހުގީގު ނިމުމުން އޮފީސް އުވާލުމުގެ ކުރިން ރައީސް އޮފީހާ ރިޕޯޓުތައް ހިއްސާކުރާނެ ކަމަށެވެ.
މިހާތަނަށް ނަތީޖާއެއް ހާސިލް ނުވި ނަމަވެސް އެ ކޮމިޝަނަށް 2019 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 5.5 މިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ހަރަދު ކޮށްފައިވެއެވެ.

