ދުނިޔެ ވަރަށް ކުރިއަރައިފިއެވެ. ޒަމާނީ ވަސީލަތްތައް އެކި ދާއިރާތަކުގައި ބޭނުންކުރެވެމުންދާއިރު ގިނަ ފަސޭހަތަކާއިއެކު ބައެއް މައްސަލަތައްވެސް ފެންމަތިވެއެވެ. މިގޮތަށް ރާއްޖޭގެ ތައުލީމީ ދާއިރާގެ ތެރެއިން މިއަދު ފާހަގަކުރެވޭ އެއް މައްސަލައަކީ މޮޅަށް ޕާފޯމް ކުރާ ދަރިވަރުންގެ މަސައްކަތްތައް އޭއައި ބޭނުންކޮށްގެން ލިޔެފައިވާ ތަކެތިކަމަށް ފާހަގަކުރެވިފައިވާކަމަށް ބުނެ އެ މީހުން ކުރާ މަސައްކަތްތަކާއި ގުޅިގެން ނުހައްގުން އަދަބު ލިބެމުންދާ މައްސަލައެވެ. މިއީ ރާއްޖޭގެ ތައުލީމީ މައިދާނުގައި ސާބިތުކަމާއިއެކު ހަރަކާތްތެރިވަމުންދާ ކޮންމެ މޮޅު ދަރިވަރެއްގެ ހިތަށްވެސް ބިރުވެރިކަން ގެނުވާނެ ފަދަ ވާހަކައެކެވެ.
އޭއައި ބޭނުންކޮށްގެން ޖެނަރޭޓްކުރުމަށްފަހު އަމިއްލައަށް އެޑިޓްކޮށްލައިގެން ހުށައަޅާ ދަށް ފަންތީގެ ލިޔުންތަކަށް ތައުރީފާއި ސަނާގެ ބަސްތައް ރައްދުވާއިރު ބުރަ މަސައްކަތްތައްކޮށް އެތައް ވިސްނުމެއްގެ މަތިން އެކުލަވާލާ ލިޔެކިއުންތައް ހުށައަޅާ ކުދިންނަށް އޭއި ބޭނުންކުރިކަމަށް ބުނެ ޝައްކުކޮށް އަދަބެއް ދިނުމަކީ ވެގެން ނުވާނެ ކަމެކެވެ. މިގޮތަށް ކަން ކުރުމުން ހުނަރު ހުރި ގާބިލު ދަރިވަރުން ނާއުންމީދުވުން ފަދަ ނަފްސާނީ މައްސަލަތައް ނުކުންނާނެއިރު ތައުލީމީ ހަޔާތަށާއި ނެރެމުންދާ ނަތީޖާތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ.
މައްސަލަ ނުކުންނަ މައިގަނޑު ސަބަބުތައް:
ރާއްޖޭގެ ޔުނިވާރސިޓީތަކުގައި ދަރިވަރުން ހުށައަޅާ މޮޅު ލިޔުންތައް އޭއައި ބޭނުންކުރިކަމަށް ފާހަގަކުރެވިގެން މައްސަލަ ޖެހޭ އެންމެ އިސް އެއް ސަބަބަކީ އޭއައިގެ އެހީ ހޯދާފައިވާކަން ދެނެގަތުމަށް ބޭނުންކުރަމުންދާ ސިސްޓަމް ނުވަަތަ ޕްރޮގްރާމަށް އޮޅުމެވެ. އާދައިގެ އޭއައި ޑިޓެކްޝަން ސޮފްޓްވެއަރތަކާއި ސިސްޓަމްތަކުން ހައި ކޮލިޓީ ލިޔުންތައް އޭއައި ބޭނުންކޮށްފައިވާކަމަށް ދައްކާ ކަމުގެ އިތުރުން އޭއައި ބޭނުންކުރުމަށްފަހު އަމިއްލައަށް އެޑިޓްކޮށްލާ އާދައިގެ ލިޔުންތައް ފާސްވާ ކަމަކީވެސް ދިރާސާތަކާއި މާހިރުންގެ މައުލޫމާތުތަކުގެ އަލީގައި އެނގޭ ކެމެކެވެ. އަދި މޮޅަށް ނަތީޖާ ނެރޭ ދަރިވަރުންނަށް މި މައްސަލައިގެ ސަބަބުން ތުހުމަތުތައް އަމާޒުވެ ސާބިތުހިފޭ ވަރުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް މަޖުބޫރުން އެއްބަސްކުރުވާފައިވާ މައްސަލަތައްވެސް މީޑިއާތަކުގެ ފަލަސުރުހީއަށް އަރާފައިވާއިރު ސޮފްޓްވެއަރއަށް އޮޅުންކަން ތާބިކުރެވި ސަލާމަތްވެފައިވާ ކޭސްތައްވެސް ރެކޯޑްކުރެވިފައިވެއެވެ.
މިފަދަ އެންމެ މަޝްހޫރު އެއް ކޭސްއަކީ އެމެރިކާގެ މަޝްހޫރު ކޮލެޖެއްކަމަށްވާ ޔޫސީ ޑޭވިސްގައި ކިޔަވަމުންދިޔަ ވިލިއަމް ކުއާޓާރމަން ކިޔާ ދަރިވަރަކަށް ހިސްޓަރީ އިމްތިހާނުގައި އޭއައި ބޭނުންކުރިކަމަށް ތުހުމަތު ކުރި މައްސަލައެވެ. އޭނާގެ ޓެސްޓު މާކު ކުރި ޕްރޮފެސަރުވަނީ އޭއައި ޑިޓެކްޝަން ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ލިޔެކިއުން ޓެސްޓުކުރުމަށްފަހު އޭއައި ބޭނުންކުރިކަމަށް ތުހުމަތުކޮށް އޭނާ އިމްތިހާނުން ފެއިލްކޮށްލާފައެވެ. އެހެންނަމަވެސް ވިލިއަމްވަނީ އެ ތުހުމަތުތަށް ދޮގުކޮށްފައިވާއިރު މައްސަލަ އިތުރަށް ހޫނުވެގެންދިއުމަށްފަހު އޭނާވަނީ އޭއައި ބޭނުން ނުކުރާކަން ސާބިތުކޮށްދޭ މަސައްކަތްތައް ކޮށްފައިވާ ގޮތް ދައްކައުވައިދޭ ގޫގަލް ޑޮކިއުމެންޓެއް ހުށައަޅާފައިކަމަށްވުމުން ފަހުން ވިލިއަމްވަނީ މައްސަލައިން ސަލާމަތްވެފައެވެ.
ސޮފްޓްވެއަރ އިން ބުނެލާ ބުނެލުމުގެ މައްޗަށް ދަރިވަރުންނަށް ތުހުމަތެއް އަމާޒުކުރާއިރު، ގިނަ ފަހަރު އެކަމުގެ އިތުރު ތަހުގީގެއް ނުކުރެވެއެވެ. އަދި ކުއްޖާ އެކަމާއި ދެކޮޅު ހެދުމުން ދެން އަންގަނީ އަލުން ލިޔެ ހުށައެޅުމަށް ކަމަށްވުމުން ދަރިވަރުންގެ އަތުން މުހިންމު ވަގުތުތަކެއް ބޭކާރުވެގެންދާއިރު މިއީ ތައުލީމީ ހަޔާތުގެ ތެރެއިން އުނގަންނައިދޭން ތިބޭ މީހުންގެ ފަރާތުން ދަރިވަރުންނަށް ކުރިމަތިނުވާނެ ދައްޗެކެވެ. އަލުން ލިޔަން އެންގުމުން އެކަން ކުރި ނަމަވެސް ކުރިން ލިޔެ ހުށައެޅި ފަންތީގައި އެ މިންގަނޑުގައި މޮޅަށް ލިޔެ ހުށައަޅަން ކެރޭނެތޯ އަމިއްލައަށް ވިސްނާލަން ދޫކޮށްލާނަމެވެ.
އޭއައި ބޭނުންކުރުމަށްފަހު އެއްޗެއް ޖެނަރޭޓްކޮށްލައިގެން އެ ލިޔުން އެޑިޓްކޮށްގެން ބޭނުންކުރުމަކީ އޭއައި ސަޕޯޓް ބޭނުންކުރާ އެންމެ އާދައިގެ ގޮތެވެ. ކުދި އަވަސް ލިޔުންތައް ޖެނަރޭޓްކުރުމަށް މަސައްކަތު މާހައުލުގައި މިގޮތުގެ މަތިން ބޭނުންކުރާކަން އެންމެނަށްވެސް އެނގޭނެއެވެ. އަދި ބައެއް މީހުން މިކަމުގެ ނާޖާއިޒް ފައިދާތައް ނަގަމުންދާކަންވެސް އެނގޭނެއިރު، އެފަދަ ލިޔުންތައް ހޯދުމަށް މަސައްކަތެއް ނުކޮށް މޮޅެތި ލިޔުންތަކަށް ޝައްކުގެ ނަޒަރަކުން ބަލައި އޭއައި ކަމަށް ނިމްމުމަކީވެސް ހަމަޖެހޭ ވިސްނުމެއް ނޫނެވެ. މިއީ ރާއްޖޭގެ ތައުލީމީ ފެންވަރަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ވަރުގެ ބޮޑު މައްސަލައެވެ.
ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތައް:
މިކަމުގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެއެވެ. މިކަމުގެ ސަބަބުން ވިސްނުންތެރި ގާބިލު ކިޔަވާ ދަރިވަރުން އަބަދުވެސް ތިބެންޖެހޭނީ ބިރެއްގައިކަމަށްވާއިރު މިއީ ގާބިލު ހުނަރުހުރި ދަރިވަރުން ތައުލީމީ ދާއިރާ އަދި އެ ހަޔާތް މަތިން ފޫހިކުރުވާނެކަމެކެވެ. މިކަމުގެ ސަބަބުން އެންމެ މަތީ ވަނަތައް ހާސިލުކުރުމަށް މަސައްކަތްތައް ކުރަން ދަރިވަރުން ފަސްޖެހުމަށްވެސް ދިމާވާނެއެވެ. އަދި އެންމެ ރަނގަޅަށް އިހުލާސްތެރިކަމާއިއެކު ކުރާ މަސައްކަތްތައް އޭއައިގެ ގޮތުގައި ކަނޑައެޅިގެންދިއުމާއި އެކަމުގެ ސަބަބުން ކުރިމަތިލާންޖެހޭނެ ދަތިތަކުގެ ބިރުވެރިކަންވެސް އަބަދުވެސް ދަރިވަރުންގެ ހިތްތަކުގައި އޮންނާނެއެވެ. ޑީމޯޓިވޭޓްވެގެންދާނެއިރު، ދަރިވަރުން އެންމެ މޮޅު ނަތީޖާއަށް މަސައްކަތްނުކުރާނަމަ ދިވެހިރާއްޖޭގެ ތައުލީމީ ފެންވަރާއި އިލްމީ ގާބިލުކަމުގެ މިންގަނޑުތަކަށްވެސް އަސަރުތައް ކުރާކަން ޔަގީނެވެ.
ދިގު މުއްދަތަށް މައްސަލަ ދެމިގެންދިއުމުގެ ނަތީޖާތަކުގެ އަންދާޒާ:
މި މައްސަލައަށް ހައްލެއް ނުލިބިގޮސްފި ހާލަތެއްގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނަމަ އުނިވާރިސިޓީތަކުގެ އެކެޑެމިކް ސްޓޭންޑަރޑަށް އެކަމުގެ އަސަރުތައް ކުރާނެއިރު، ރާއްޖެއިން ތައުލީމު ހާސިލުކުރުމުގެ ބަދަލުގައި މައްސަލަ ހައްލުވެފައިވާ ބޭރުގެ ޔުނިވާރިސިޓީތައް ހިޔާރުކުރުމުގެ ގޮންޖެހުންތަކާއިވެސް ރާއްޖޭގެ އެފަދަ ތައުލީމުދޭ ތަންތަނަށް ކުރިމަތިލާންޖެހުން އެކަށީގެންވެއެވެ. ރާއްޖެއިން ތައުލީމު ހާސިލުކުރުމަށް އިތުބާރު ހިފެން ފެށީ ދާދި ފަހުންކަންވެސް ހަނދާނުގައި ބެހެއްޓުން މުހިންމުއިރު މިއީ ރާއްޖެއަށް ކިޔަވަން އައުމަށް ޝައުގުވެރިވާ އިންޓަރނޭޝަނަލް ސްޓޫޑެންޓުން ޔޫޓާރނެއް އަޅާނެ ފަދަ މައްސަލައެއްކަަމަށްވުމުންވެސް ދާއިރާގެ ކުރިމަގަށް ވިސްނައިވެސް މިކަން ހައްލުކުރުން ވަރަށް މުހިންމެވެ.
ދިރާސީ މައުލޫމާތުތައް:
ރާއްޖޭގެ ދަރިވަރުންގެ ތެރޭގައިވެސް މިއީ މިއަދު އޮތް ކަންބޮޑުވުމެއްކަމަށްވާއިރު އަމިއްލަ އަށް އުފައްދާ މޮޅު ލިޔުންތައް އޭއައިގެ ގޮތުގައި ފާހަގަކުރެވިގެންދިއުމާއި އޭއައި ބޭނުންކޮށްގެން އުފައްދައިގެން އެޑިޓްކުރުމަށްފަހު ހުށައަޅާ ލިޔެކިއުން ފާސްވެގެންދާކަން ބައިނަލްއަގުވާމީ ޓެކް މާހިރުންވެސް އިއްތިފާގުވެއެވެ. އެހެންކަމުން ތައުލީމީ ދާއިރާގެ މަސައްކަތްތަކުގެ ތެރެއިން ޑިޓެކްޝަން ސޮފްޓްވެއަރއަށް އެކަނި ބަރޯސާ ނުވުމަށްސް އިލްތިމާސްކޮށްފައި ވާކަމަށްވުމުން ރާއްޖޭގައިވެސް މިވަގުތު އޭއައި ޑިޓެކްޝަންކަމަށް ބުނެ ދަރިވަރުން ހުށައަޅާ ލިޔެކިއުންތަކާއިމެދު ޝައްކު އުފައްދާ ދަރިވަރުނަށް ދަތިތަކެއްގައި ޖެއްސުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ސާފުވެއެވެ.
ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންކަން:
މި މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އޭއައި ޑިޓެކްޝަންއަށް ބޭނުންކުރާ ވަރުގަދަ ސޮފްޓްވެއަރތަކަށާއި ހާއްސަ ސިސްޓަމްތަކަށް އަދި އެކަމަށް ހާއްސަވެފައިވާ މުއައްޒަފުންވެސް ޔުނިވާރިސިޓީތަކަށް ހޯދަންވީއެވެ. މިފަދަ ވަސީލަތްތައް މިހާރު ބިނާކުރެވި ބޭނުންކުރެވެމުންދާކަމަށްވުމުން ފަސޭހަކަމާއިއިއެކު އޭއައި ނުވަތަ އިންސާނެއްގެ އުފެއްދުމެއްކަން ދެނެގަނެވޭނެއެވެ. އާދައިގެ ސޮފްޓްވެއަރތަކުން ނުކުންނަ މައްސަލަތަކެއް ނުނުކުންނާނެއެވެ.
އޭއައި ބޭނުންކުރިކަމަށް ބެލެވޭ މައްސަލަތަކުގައި އަމަލުކުރުމަށް ގައިޑްލައިންތަކެއްވެސް އެކުލަވާލަންޖެހެއެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރަންޖެހޭ މަސައްކަތްތަކެކެވެ. އަދި އެކަމަށް ހާއްސަ މުއައްޒަފުން ނުހޯދޭނަމަ އެންމެ ކުޑަމިނުން ލެކްޗަރާއިންނަށް އެކަން ކުރުމަށް ބޭނުންވާ ހާއްސަ ޓްރެއިނިންގް އަދި ސެޓިފިކޭޝަން ލިބިފައިވާކަންވެސް ކަށަވަރުކުރަންޖެހޭއިރު ދެކެވެނީ ދަރިވަރެއްގެ ތައުލީމީ ހަޔާތުގެ ވާހަކަ ކަމަށްވުމުން އިންސާފުވެރިކަމާއިއެކު ދެފުށް ފެންނަ ގޮތަށް މިފަދަ ކޭސްތަކުގައި އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން މައްސަލަ ނިމުމާއި ޖެހެންދެންވެސް އަމަލުކުރުމަށްވެސް އުސޫލު އެކުލަވާލައި މިހާރުވެސް ތަންފީޒުކުރަންވީއެވެ.
މިފަދަ ގޮތަކަށް ޖެހޭ މައްސަލައެއްގައި ދަރިވަރު އަމިއްލައަށް އުފެއްދި ލިޔެކިއުމެއްކަން ސާބިތުވާ ހިސާބުން އެކުއްޖާގެ ހުނަރާއި ގާތިބިލުކަމަށް ތަރުހީބުދީ ހިތްވަރު ދެވެން ޖެހެއެވެ. އަނދިރިކަމަކަށް ފަހު އަލިކަމެއް ވާކަމުގެ އިހުސާސް އެކުދިންގެ ހަޔާތުގެ މި ސަފުހާގެ ތެރެއިންވެސް ކުރެވިގެންދާކަން ކަށަވަރުކުރުން މުހިިންމު އިރު. އިމްތިހާނަށް އޮޅުވާލުން ފަދަ ކަންކަމާއި ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލާއިރު އެކަމުގެ ތެރޭގައި އާއެއިގެ ނާޖާއިޒް ފައިދާ ނެގުމާއި ދެކޮޅަށާއި ނުހައްގުން އަދަބު ދެވުމާއި ދެކޮޅަށްވެސް ކަންކަން ހިމަނައި އިމްތިހާނުތަކުގެ ނަތީޖާތައް ގުނާއިރު ޒާތީ ވިސްނުންތަކުން އެއްކިބާވެ އިންސާފުވެރިކަމާއިއެކު އަމަލުކުރުމުގެ ސަގާފަތެއް އާލާކުރުމަކީވެސް މުހިންމުކަކެވެ.
މިއީ ހަމައެކަނި ރާއްޖެއަށް ހާއްސަވެފައިވާ މައްސަލައެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ފުޅާވެގެންއަންނަ ޒަމާނީ ވަސީލަތްތަކުގެ ދައުރާއިއެކު ކުރިމަތިވަމުންދާ މައްސަލައެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއަށްވެސްވަނީ އޭއައި ބޭނުންކުރުމުގެ ފައިދާތަކާއި އެކަމުގެ ގެއްލުންތަކާއި ދެމެދުގައި ހަމައެއް ހޯދަންޖެހުމުގެ މައްސަލައާއި ކުރިމަތިލާންޖެހިފައެވެ.
ކުރިމަގު:
އޭއައިގެ ބޭނުން ހިފައިގެން ތައުލީމީ ދާއިރާގައި އެތައް ކުރިއެރުންތަކެއް ހާސިލުކުރެވިދާނެއެވެ. ތުއްތުކުދިންނާއި ޅަ އުމުރުފުރައިގެ ދަރިވަރުންނަށް ޕާސަނަލައިޒްޑް ޓިއުޓަރިންގް ފަދަ ކަންކަން ކުރުމަށް އޭއައި އެޕްތައް މެދުވެރިކޮށް މަގުފަހިވެފައިވާއިރު ކުރިމަތިގުގައި އޭއައިގެ ދައުރު އިތުރުވެގެންދާނެކަން ކަށަވަރުކަމަށްވާތީ ޒަމާނީ އޮއެވަރާއި ދެކޮޅަށް ފަލިޖެހުމުގެ ބަދަލުގައި މިހާރުން ފެށިގެންވެސް ޒުވާން ޖީލުތަކުގެ ކިބައިގައި ރަނގަޅު ގޮތުގައި މިތަކެތީގެ ބޭނުން ހިފުމުގެ އާދަ އަށަގަނުވަން ރާއްޖެއިން މަސައްކަތްކުރަން ފެށުން ރަނގަޅުކަމަށްވެސް ފެނެއެވެ.
މިހާރު ތަންފީޒުކުރެވިދާނެ ބައެއް ކަންކަން:
މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ޔުނިވާރސިޓީތައް ގުޅިގެން މަސައްކަތްތައް ކުރެވިދާނެއެވެ. އެގޮތުން މައުލޫމާތު ބަދަލުކުރުމާއި ތަޖުރިބާތައް ހިއްސާކުރުން ފަދަ ކަންކަން ކުރުމުން ސިޔާސަތުތައް ކަނޑައެޅުމާއި ހައްލުތައް ގެނައުމުގައި ދާއިރާއިން އިއްތިފާގުވާ ގޮތުގެ މަތިން އަމަލުކުރުމަށްވެސް ފުރުސަތު ފަހިވެގެންދެއެވެ. ހަމަ އެގޮތަށް ލިޔެކުއުން އުފެއްދި ގޮތުގެ ހިސްޓަރީ ފެންނަ ގޮތަށް ހުށައެޅުމަށް ފުރުސަތު ހުޅުވާލައިގެން ލިޔުމުގެ މުބާރާތެއްގެ ސިފައިގައި އޭއައި ޑިޓެކްޝަން ސޮފްޓްވެއަރ ޓެސްޓުކުރަން މަސައްކަތްތައް ކުރިއަށް ގެންދިއުމަކީވެސް ހައްލު ގެނައުމަށްޓަކައި ބޭނުންވާނެ ގިނަ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމެކެވެ.
މިއީ މިހާރުން މިހާރަށް ހައްލުކުރުމަށްޓަކައި މަސައްކަތްތައް ފަށަން ޖެހޭ މައްސަލައެކެވެ. މި މައްސަލަ ހައްލު ނުވެ އޮތުމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދަރިވަރުންނަށް މިކަމުގެ ސަބަބުން އިތުރު ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން ރާއްޖޭގެ އިލްމީ ގާބިލުކަމާއި ފެންވަރު އެންމެ މަތީ ފަންތީގައި ދެމެހެއްޓި އިތުރުވެގެންދާކަން ކަށަވަރުކުރުމުގެ ގޮތުން މޮޅު ދަރިވަރުންނަކީ އަބަދުތަކެއް ލިބުމުގެ ބަދަލުގައި ތަރުހީބާއި ހިތްވަރު ލިބިގެންދާ ބައެއްކަމަށް ވެގެންދާކަންވެސް ޔަގީންކުރަންޖެހެއެވެ. މިކަމަށްޓަކައި ރާއްޖޭގެ ތައުލީމީ ދާއިރާގެ ހިދުމަތްތެރިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

