ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް، ގެޒެޓު ލިސްޓާއި އެއްގޮތަށް ދޫކުރުން ލާޒިމްވާ ގޮތަށް މިދިޔަ ދައުރުގައި ގެނައި އިސްލާހު މަޖިލީހުން ބޭރު ކުރީ އެއީ ކޮން ނިޔަތެއްގައި އެމްޑީޕީ ކުރި މަސައްކަތެއްތޯ ބެލުމަށް ފަހުކަމަށް ރައްޔިިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް، ގެޒެޓު ލިސްޓާއި އެއްގޮތަށް ދޫކުރުން ލާޒިމްވާ ގޮތަށް އޭރުގެ މެޖޯރިޓީން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރައްވައި އިސްލާހު އަނބުރާ ފޮނުވާލުމުން މަޖިލީހުން ވަނީ ބިލު ބޭރުކޮށްލާފަ އެވެ. ބިލު ބޭރުކޮށްލުމުން، އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ އަމަލުތައް ދިމާނުވާކަމަށް ބުނެ ފާޑުކިޔާފަ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ހުސްނީ ވިދާޅުވީ މިއީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސްއެޅުންކަމަށް، އެމްޑީޕީން ދެކުނު ނަމަވެސް އެފަދަ އެއްވެސް ވިސްނުމެއް ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ނެތް ކަމަށެވެ. ހުސްނީ ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލަތުގައިކަމަށާއި، އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އެއީ. އެހެންވީމާ އެރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް ހުރަސް އަޅުމުގެ ގޮތަކުން ނޫން ވިސްނާފަ އަޅުގަނޑުމެން ފާސްނުކުރީ. މި އިސްލާހަކީ ކޮންނިޔަތެއްގައި ހުށައެޅު އިސްލާހެއްތޯ އެބަޖެހޭ ބަލަން. އިސްލާހު ފާސްކޮށްގެން ގާނޫނަށް ވާ ހާލަތެއްގައި ބިމާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުރި އެހެން މާއްދާތަކާއި ތައާރުޒު ތަކެއް އެބައާދޭ. އެހެންވީމަ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކޮށްފަ ރައީސް މުއިއްޒު އަނބުރާ ބޮލް ފޮނުވި ނުކުތާތަކުގެ އަލީގައި އަލުން ބިލް ބަލައިނުގަތުމަށް ނިންމީ
ހުސްނީ ވިދާޅުވީ އެ ބިލުގައި ބަޔާން ކުރަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ކަނޑައަޅާ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 މަސް ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެގޯތި ދޫކުރި އިދާރާއަކުން އެގޯތި ހަވާލުކުރަން ވާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ގޯތި ހަވާލުކޮށްފައި ވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށްތޯ ބަލަންޖެހޭކަމަށާއި އެ ގޯތި އޮތީ ކޮންތާކުތޯ ބަލަންޖެހޭކަމަށް ހުސްނީ ވިދާޅުވި އެވެ.

