ލިބިފައިވާ ޢިލްމާ ފަންނީ ހުނަރުން، ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ ކޮންމެ ދިވެހިދަރިއެއްގެ ޤައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމުގެ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވަވާކަމަށެވެ. އަދި ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަތުމާއި ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުންކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި ތަޢުލީމާއި، ތަރބިއްޔަތު ފެތުރުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއަކީ ވަރަށް މުހިންމު މަރުކަޒެއް ކަމަށާއި އަދި ޙާއްސަ ގޮތެއްގައި އިސްލާމްދީނުގެ ސައްޙަ އަޤީދާމަތީގައި ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވާރސިޓީން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. އަދި ޔުނިވާރސިޓީގެ ޢިލްމީ ހިޔާވަހިން ދަސްވެނިވާ ކޮންމެ ދަރިވަރަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދިވެހީންގެ އިސްލާމީ އަޙްވަންތަކަން ދެމެހެއްޓުމުގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރާނެ ދަރިވަރެއްކަމުގައި ވާނެކަން ޔަޤީންކުރާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޔުނިވާރސިޓީން ދަސްވެނިވިގެން ނިކުންނަ ދަރިވަރުންނަކީ ޤާބިލު ބަޔަކަށް ހެދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ މަޖިލިސް މެމްބަރުންނަށާއި އެންމެހާ ހިނގުންތެރންނާއި ދާރިޘުނަށް އިޙްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަކީ މުޖުތަމަޢުގައި ދިރިއުޅުމުގެ ކަންކަން ބައްޓަންވެފައިވާ ގޮތުގެ ސަބަބުން ފަސޭހަކަމާއެކު ކިޔެވުުން ނިންމާލާ ދަރިވަރުން ނޫން ކަމަށް ވިދާޅުވެފައިވެއެވެ.
މަތީ ތަޢުލީމު ނުވަތަ ކޮލެޖާއި ، ޔުނިވާރސިޓީ ތަކުގައި ތަޢުލީމު އެނގެނުމަކީ އެއްވެސް ޙާލެއްގައި ފަސޭހަކަމެއް ނޫން..މަތީ ތަޢުލޫމުގެ އަޙްލާގާއި ދަސްވެނިވިގެންދާ ކޮންމެ ދަރިވަރެއްގެ ކާމިޔާބުގެ ފަހަތުގައިވަނީ ގިނަ ޤުރުބާނީ ތަކެއް.. ޙާއްސަ ގޮތެއްގައި މި މުޖުތަމަޢުގައި ދިރިއުޅުމުގެ ކަންކަން ބައްޓަންވެފައިވާ ގޮތުން ގިނަ ކޯސް ތަކުގައި ކިޔަވާ ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުން އާއިލާގެ ޒިންމާތައް އަދާކުރަމުން ކިޔެވުމުގެ ކަންކަން ފުރިހަމަކުރުންދާ ދަރިވަރުން ތަކެ
މި ޙަފްލާގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި އަދި މި ދަންފަޅީގެ ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ. މީގެ އިތުރުން، ނައިބު ރައީސްގެ ވާހަކަފުޅުގައި، ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ޢިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ އަލިއަޅުވާލައިފައެވެ.

