ސްރީލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނަށް ތަކުލީފަކާ ނުލައި 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފިއެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓްރީއިން ނެރުން ނޫސް ބަޔާނުގައި ބުނި ގޮތުގައި ލަންކާ ސަރުކާރުން އެ ޔަގީންކަން ދިނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހުގެ ތިނަކުން ހަޔަކަށް ލަންކާއަށް ކުރެއްވި ރަސްމި ދަތުރުގައެވެ. ލަންކާ ސަރުކާރުން އެ ޔަގީންކަން ދިނީ ލިއުމުންކަމަށް ބުނިއެވެ.
ދަތުރުގެ ތެރެއިން އެ ގައުމުގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ޓިރަން އަލެސް އާ ޒަމީރު ބައްދަލުކުރައްވައި ލަންކާގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. ލަންކާގެ އޮންއެރައިވަލް ވިސާ ދިނުމުގެ އުސޫލަށް މިފަހުން ބަދަލު ގެނައުމާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓާ އަލެސް ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަގީން ކޮށްދެއްވާފައިކަމަށް ފޮރިން މިނިސްޓްރީއިން މިކަމާއި ގުޅިގެން ނެރުން ބަޔާނުގައި ބުންޏެވެ.
މީގެއިތުރުން ލަންކާގައި ކިޔަވާ ދިވެހި ކުދިން ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދޭނެ ޔަގީންކަންވެސް ލަންކާއިން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރުގެ މިދަތުރުފުޅަކީ ސްރީލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ ގެ ދައުވަތަކަށް ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

