މީހުން ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ގައުމީ ކޮމިޓީ އަލުން އެކުލަވައިލާ، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީއިން ބުނީ، ހިއުމަން ޓްރެފިކިންނަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލި އަޅުވާލާފައިވާކަމަށެވެ. މިފަދަ ކުށްތައް މަދުކުރަން ކަމާ ބެހޭ އިދަރާތަކާއި ޖަމިއްޔާތައް ގުޅިގެން ކުރާނެ ކަންކަމުގެ މައްޗަށް އެކުލަވައިލާފައިވާ ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕުލޭނު ތަންފީޒުކުރުމުގެ ކުރިން، މި އެކްޝަން ޕުލޭނުގައި ހިމަނާފައިވާ މުހިންމު ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ކޮމިޓީގެ މެންބަރުން ނިންމާފައިވާކަންވެސް ހާމަ ކުރެއްވިއެވެ.
ނެޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕުލޭނުގައި ހިއުމަން ޓްރެފިކިން ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުގެ ފްރޮންޓުލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ތަމުރީނުކުރުމާއި އަހުލުވެރިކަމުގެ ޕްރޮގްރާމްތައް ބޭއްވުމާއި ޕްރޮސެކިއުޝަން މަރުހަލާ ވަރުގަދަކޮށް ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރުން ހިމެނެއެވެ. ހިއުމަން ޓްރެފިކިން ކުށްތަކާ ގުޅޭ ގޮތުން މިހާރު ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތައް އިތުރަށް ބަލައި، އިސްލާހުތައް ގެނައުމާއި އަނިޔާ ލިބޭ މީހުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކަމާ ބެހޭ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަލުން އެކުލަވައިލި އެންޓި ހިއުމަން ޓްރެފިކިން ކޮމިޓީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ:
- ކޮމިޓީގެ ރައީސް
- އެޓާނީ ގެނެރަލް އޮފީހުގެ ލޯޔަރެއް
- މޯލްޑިވްސް އިމިގްރޭޝަން ގެ އޮފިސަރެއް
- ކަސްޓަމްސާވިސްގެ މުވައްޒަފެއް
- ފުލުސް އޮފިސަރެއް
- ލޭބާ ރިލޭޝަން އޮތޮރިތީގެ މުވައްޒަފެއް
- އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފެއް
- ހޯމް މިނިސްޓްރީގެ މުވައްޒަފެއް
- އާއިލާތަކާ ބެހޭ ވުޒާރާގެ މުވައްޒަފެއް
- ސްޓިއަރިން ކޮމިޓީގެ މަސައްކަތްތަކާ ގުޅުންހުރި އެންޖީއޯއެއްގެ މަންދޫބެއް
މި ކޮމިޓީއިން ޓްރެފިކް ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ރައީސަށް ލަފާ ދޭނެއެވެ. އަދި ސަރުކާރުން އެކަމާ ގުޅޭގޮތުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރަމުންދޭތޯ ބަލަން ޖެހޭނެއެވެ.

