ކޮންމެ ފަރުދަކުވެސް އަޒުމުކަނޑައަޅަންވީ އަންނަން އޮތް ޖީލަށްވެސް ރާއްޖޭގެ މި މާހަލު ފޯރުކޮށްދިނުމަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހައްސަ އިވެންޓެއްގައި ޝިޔާމް ވިދާޅުވި ރާއްޖޭގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ ކަނޑަށް ކަމަށާއި އަދި ރައްޔިތުންނަށް ލިބޭ ކަނޑުރޯދީގެ ނަފާ އަށް ކަމަށެވެ. ދިރިއުޅުމަށްޓަކައި ޒަމާނުއްސުރެ ކަނޑުން ލިބިދޭ ނަފާ ބަލައިގަންނަން ޖެހޭ ކަމަށާއި އެކަމާމެދު މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ 99 އިންސައްތައަކީ ކަނޑަށް ވެފައި ކަނޑަށް ރާއްޖޭގެ ރައްޔިތުން ބަރޯސާވާ މިންވަރު ބޮޑު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަޅުގަނޑު މެންނަށް ފަރުދީ ހައިސިއްޔަތުން ކުރެވޭނެ ކަންކަން ބައިވަރު އެބަހުރި. ފަރުދީ ހައިސިއްޔަތުން ކުރާ ކަންތައްތައް ކޮންމެ ފަރުދަކު އެކަންކަން ކުރާ ކަމުގައިވަނީނަމަ އެކުރެވެނީ ވަރަށްބޮޑު މަސައްކަތެއް. މިސާލަކަށް އަޅުގަނޑުމެން މިތިބީ ވަރަށް ހުދު ބީޗެއްގައި، އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ބީޗުން އެތާންގައި ޕްލާސްޓިކު ފުޅިއެއް އެއްލާލައިފައި އޮންނަތަން ފެންނަ ކަމަށްވަންޔާ މި ބީޗުގެ ރީތިކަންވެސް އެބަދޭ
ޝިޔާމް ވިދާޅުވީ ”ސިންގަލް ޔޫސް ޕްލާސްޓިކް“ އާއި ދުރުވާން ޖެހޭ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާ ތަނަކަށް ވާނީ ދިވެހިރާއްޖެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ކޮންމެ މީހަކުވެސް ބަލަންވީ މޫދާ، ގޮނޑުދޮށާއި އަދި މުޅި މާހައުލު އޮތް ގޮތަށް ދެން އަންނަ ޖީލަށް ފޯރުކޮށްދިނުމަށް ކަމަށާއި މިއީ ކޮންމެ މީހެއްގެ ވެސް އަމާނާތެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެންމެ ޕްލާސްޓިކް ފުޅިއަކުންވެސް މި ވެއްޓަށް ވަރަށް ބޮޑެތި ގެެއްލުންވާކަމަށެވެ. ޕްލާސްޓިކް ފުޅި މޫދަށް އެޅުމުން އެ ފުޅި ގިނަދުވަސް ވެ އޭގެ ވިހަ މާއްދާތައް މޫދުގައި އުޅޭ މަސްތައް ބޮއެ، އަދި އެ މަސް ބާނައިގެން ކެއުމުން އޭގެ ގެއްލުންވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މޫދުގައި އުޅޭ މަސްތައް ޕްލާސްޓިކް ފުޅީގެ ވިހަ މާއްދާތައް އެބަ ބޮއެ. އަޅުގަނޑުމެން އެ މަސް ބާނައިގެން ކާއިރު އޭގައި އެބަހުރޭ އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންވާ މާއްދާތަކެއް. އެހެންވީމަ އެ ފުޅި ނަގަންޖެހެނީ. އެ ފުޅީގެ ސަބަބުން އަޅުގަނޑުމެންގެ ފަރުތަކުގެ ރީތިކަން އެބަ ގެއްލޭ. އަދި އެ ފަރުތަކުގައި އުޅޭ މަސްމަހާއިމެއްސަށް ވެސް ގެންލުން އެބަދޭ. އަދި އެ މަސް އަޅުގަނޑުމެން ކެއުމުން އަޅުގަނޑުމެންނަށް ވެސް އޭގެ ގެއްލުން އެބަވޭ
މޫދަށް އެއްލާލައި ޕްލާސްޓިކް ފުޅި ނެގުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށާއި އަދި މި ވެއްޓަށް ކޮއްދޭ ވަރަށް މުހިންމު ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

