ފަސް އަހަރުގެ ވެރިކަމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގައި ބާރު ދައްކައި ނާޖާއިޒް ފައިދާ ނެގުމަށް ފަހު އެހެން ބަޔަކަށް އިނގިލި އަމާޒުކޮށް ރަބާރ ސްޓޭމް ޖަހާނެކަމުގެ ތުހުމަތުތައް އެމްޑީޕީއަށް މި ސަރުކާރަށް ނުކުރެވޭނެކަމަށް ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިމްރާން ލަތީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ މަސައްކަތް ފެށުމާއި އެކު، އެމްޑީޕީން ސަރުކާރުގެ މައްޗަށް ކުރާ ތުހުމަތަކީ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމެވެ. ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އެމްޑީޕީގެ އެ ތުހުމަތުތަކަށް، އިމްރާން ވިދާޅުވީ އެއީ އެ ޕާޓީއަށް ދެއްކޭނެ ވާހަކައެއްކަމަށް ވެސް އޭނާ ގަބޫލު ނުކުރާކަމަށެވެ. ސަރުކާރު ބަދަލުވެގެން އައި މަރުހަލާގައި، މިދިޔަ ދައުރުން މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޖެއްސުންކޮށް އުނދަގޫ ކުރުމަށް މަސައްކަތް ކުރިތަން ފެނިގެން ދިޔަކަމަށް އިމްރާން ވިދާޅުވި އެވެ. ރައްޔިތުންގެ ބޮޑު ތާއީދަކާއި، މެޖޯރިޓީއަކުން ހޮވި ގައުމެއްގެ ރައީސަކު އަޒުލު ކުރާނެކަމުގެ ބިރު ދައްކައި އެ މަސައްކަތް މަޖިލީހުގެ ތަޅުމުގެ ތެރެއިން ކުރުމަކީ އެއީ ރައްޔިތުން ދުވަހަކު ވެސް ބަލައިގަންނާނެ ފަދަ އަމަލުތަކެއް ނޫންކަމަށް އިމްރާން ވިދާޅުވި އެވެ.
ކެބިނެޓަށް އައްޔަނު ކުރި ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމަށް ފަހު، މައްސަލަ ތާވަލުކޮށް ތިން ވަޒީރަކަށް ރުހުން ނުދީ ޒާތީ ސަބަބުތަކެއް އޮވެގެންކަމަށް ތުހުމަތު ކުރައްވައި އިމްރާން ވިދާޅުވީ އޭގެ ނަތީޖާއަކީ ދިވެހިރައްޔިތުން ސަރުކާރަށް އުނދަގޫ ކުރާނެ ބައެއް މަޖިލީހަށް އިންތިހާބު ނުކުރުން ކަމަށެވެ. އަދި ސަރުކާރާއި އެކު މަސައްކަތްކޮށް، މެނިފެސްޓޯއާއި ސިޔާސަތު ތަންފީޒު ކުރާނެ ބައެއް މަޖިލީހަށް ހޮވީ އޭގެ ސަބަބުންކަމަށް އިމްރާން ވިދާޅުވި އެވެ.
2023 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ބަޖެޓު ފާސް ކުރީ، ތަކުރާރުކޮށް ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ އަދަދުތައް ބަޖެޓުގައި ހިމެނުމަށް އެދެމުން ދަނިކޮށްކަމަށް އިމްރާން ވިދާޅުވި އެވެ. އެއީ ދެން އޮތީ އެމްޑީޕީގެ ވެރިކަމަކަށް ނުވާތީ ޖެއްސުންކޮށް އުނދަގޫކުރުމަށާއި، ސަރުކާރަށް ދަތި ކުރުމަށް ފާސް ކުރި ބަޖެޓެއްކަމަށް އިމްރާން ވިދާޅުވި އެވެ.
އެބޭފުޅުން ދިޔައީ ދިވެހި ރައްޔިތުން ބޮޑު މެޖޯރިޓީއަކުން ހޮވި ވެރިއަކަށް އުނދަގޫ ކުރަމުން… ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ދެން ގޮސް، ރައްޔިތުންގެ މަޖިލީހުން ސަރުކާރުން ހުށަހެޅި މިނިސްޓަރުންނާ މިބޭބޭފުޅުންގެ ނަންތައް ބަލައިނުގަނެ އުނދަގޫ ކުރަމުން ދިޔައީ.. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ނިންމީ، ސަރުކާރަށް އުނދަގޫ ނުކުރާނެ ބަޔަކު މަޖިލީހަށް ހޮވުމަށްޓަކައި
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ސުޕަ މެޖޯރިޓީއެއް ލިބިފައިވާއިރު، އެއީ ރަބާރ ސްޓޭމް ޖަހައި ބާރު ދެއްކުމުގެ އެތައް އަމަލެއް ތަޅުމުން ފެންނާނެކަމަށް އެމްޑީޕީން ކުރާ ތުހުމަތުތަކަށް އިމްރާން ވިދާޅުވީ އެ ޕާޓީން އަމަލު ކުރި ގޮތަކީ އެއީކަމަށް ވާތީ އެހެން ސަރުކާރުތަކުގެ ވެސް މިސްރާބު ހުންނާނެ ގޮތަކީ އެއީކަމަށް ހީވެދާނެކަމަށެވެ. އިމްރާން ވިދާޅުވީ ވެރިކަމާއި އެކު ސުޕަ މެޖޯރިޓީ ލިބިގެން އެމްޑީޕީގެ ފަސް އަހަރުގައި ނެރެވުނު އެއްވެސް ނަތީޖާއެއް ނެތި ދައުރު ނިންމާލީ ގައުމު ދަރަނިވެރި ކުރުވުމަށް ފަހު ކަމަށެވެ.
ގަދަބާރު ދައްކައި، ނާޖާއިޒް ފައިދާ ނަގާފާނެކަމަށް ބުނެ އެމްޑީޕީއަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތްކަމަށާއި އެބޭފުޅުންގެ އަމަލުތައް ތަކުރާރު ކުރާނެ ބަޔަކަށް ޕީއެންސީ ނުވާނެކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވާނީ ޒިންމާދާރުކަމާއި އެކު ދައުލަތް ހިންގާނެ ވެރިއަކަށްކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ވެސް އެ ޕާޓީން ކުރާނެކަމަށެވެ.

