އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ގެންދެވުނު ޕަމްޕް މިހާރު ވަނީ އިންސްޓޯލް ކުރެވިފައިކަމަށާއި މި ޕަމްޕް ހަރުކުރުމުގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.
ނިމިދިޔަ ރޯދަމަހުން ފެށިގެން އައްޑޫގައި ގުޅިފައިވާ އަވަށްތަކުގެ ސަޕްލައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހިފައި ވުމުން އައްޑޫ ސިޓީ ކައުންސިލުން ވެސްވަނީ ކަންބޑުވުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށާއި ފެނަކަ އަށް ވަނީ ގޮވާލާފައެވެ.
އައްޑޫން ފެނުގެ ހިދުމަތް ދާއިމީ ގޮތެއްގައި ހައްލު ކުރެވިފައި ނުވުމުގެ ސަބަބުން ރައްޔިތުން މަޖިލިހަށް އެމްޑިޕީގެ ފަރާތުން ކުއްލި މައްސަލައެއް ވަނީ ހުށައަޅާފައެވެ. މި މައްސަލަ މަޖިލިހަށް ހުށައަޅައިފައިވަނީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ. މި ކުއްލި މައްސަލާގައި ނާޒިލު ވިދާޅުވެފައިވަނީ، ގުޅިފައިވާ ރަށްތަކުގައި ފެނުގެ ޙިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙިދުމަތް ހަމަޖައްސައި ދިނުމަށް ނާޒިލް ސަރުކާރަށް ގޮވާލެއްވިއއެވެ.
މި މައްސަލައިގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ، ޙިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދީމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ހުންނަން ޖެހޭ މިންވަރަށް ސްޓޯރޭޖް ކެޕޭސިޓީ ނެތުމުން ކަމަށެވެ. އަދި ކުއްލި ހާލަތެއް ނުވަތަ މަރާމާތެއްގެ މަސައްކަތަށް ހުއްޓާލަން ޖެހޭ ހާލަތެއްގައި 3 ގަނޑިއިރު ތެރޭގައި ފެން ހުސްވެގެންދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މަޖިލިހުގެ ބަހުސް މަރުޙަލާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ކުންފުންޏަށް މާލީ ގޮތުން އެތައް ގެއްލުމެއް ދީ ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ. އަދި ފެނުގެ މެއިންޓަނެންސް ބެލެހެއްޓިފައި ނުވުމުގެ ސަބަބުން ހުރީ ދަބަރަށްގޮސް ހުސްވެފައި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ފެނަކަ އޮތީ 4.6 ބިލިއަނުން ކުންފުނި ދަރައިފައި ކަމަށް ސުޖާއު ވަނީ ފާހަގަކޮށްފައެވެ. އަދި އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް 256 މިލިއަން ރުފިޔާއަށް މަޝްރޫއުއެއް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާކަން ޝުޖާޢުވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެނ މަޖިލިހުގެ ބަހުސް މަރުހަލާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެފައިވަނީ، އައްޑޫގެ ފެނުގެ މައްސަލައިގައި ދިމާވެފައިވާ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. ނަމަވެސް މި ކަމާއި ގުޅިގެން ނާޒިލް ވިދާޅުވީ، އެމްޑިޕީގެ ވެރިކަމުގައި އައްޑޫ ފެން ޕްލާންޓްގެ މައްސަލަ ނުޖެހޭ ކަމަށާއި އަދި މައްސަލަ ޖެހެންފެށީ ނިމިދިޔަ ދެ މަސް ދުވަހުން ފެށިގެންކަމަށެވެ. އައްދު ވިދާޅުވި، އެނާ ދާއިރާގެ ފެނުގެ ޙިދުމަތް ނުދެވި މައްސަލަތައް ދިމާވެފައިވާ ކަމަށާއި އަދި ފެން ލީކުވުންފަދަ މައްސަލަތައް ދިމާވާއިރު ސްޕްއާ ޕާޓްސްތައް ވެސް ނިލިބި ހުރި ކަމަށެވެ.
އައްޑޫ ފެނުގެ މައްސަލާގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުއާޒު ވިދާޅުވި، ފެނުގެ ނިޒާމު އަޕްގްރޭޓު ކުރަން، ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށާއި އަދި މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޓު ކުރުމުގެ މަޝްރޫއު ނިމުމުންކަމަށެވެ.

