އިންޑިއާގެ ގޯ އެއާ އިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ހަފުތާ ހޯމަ ދުވަހު ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެއީ އޭޕްރީލް 2022، އިން ފެށިގެން މާޗު 2023، ގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ގޯ އެއާ އިން މީރާ ދައްކަން ޖެހޭ އެކަމަކު މިހާތަނަށް ނުދައްކާ ހުރި ޖުމުލަ ފައިސާއެވެ.
ސިވިލް ކޯޓުން ހުކުމްކުރީ އެ ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 3،580،588 ޑޮލަރު (55،141،055 ރ.) ދެއްކުމަށެވެ. ކޯޓުން އެ ގޮތަށް ހުކުމް ކުރީ ގޯ އެއާގެ ޣައިރު ހާޒިރުގައެވެ.
ސިވިލް ކޯޓުން އަޑުއެހުންތަކަށް ހާޒިރުވުމަށް ގޯ އެއާ ކުރިން ހިންގި އޮފީހުގެ އެޑްރެސްއަށް ޗިޓު ރައްދު ކުރަން މަސައްކަތް ކުރި ނަމަވެސް ޗިޓު ރައްދުކޮށްދެވިފައެއް ނުވެއެވެ. އެ އެއާލައިން މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ނުދާ ކަން ކޯޓުގެ ހުކުމުން ވެސް އެނގެން އެބަ އޮތެވެ.
ގޯއެއާ އަކީ މަހާރާސްތުރާގެ މުމްބާއީގައި ހުންނަ އިންޑިއާގެ އެއާލައިނެކެވެ. އެއީ އިންޑިއާގެ ބިޒްނަސް ކޮންގްލޯމެރޭޓް، ވާޑިއާ ގްރޫޕްގެ ކުންފުންޏެކެވެ. އެ ކުންފުނީގެ އޮޕަރޭޝަންތައް 4 ނޮވެމްބަރ 2005 ގައި ފެށިއިރު އެއާބަސް 320 މަތިންދާ ބޯޓުތަކުގެ ފްލީޓެއް ހުރިހާ އިކޮނޮމީއެއްގައިވެސް އޮޕަރޭޓްކުރިއެވެ.

