އިސްރާއީލް ޕާސް ޕޯޓު ބޭން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށައެޅީ ދައުލަތެއްގެ ސިފައިގައި ފިޔަވަޅެއް އެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ގާނޫނަށް ގެނައުމަށް ހުށައެޅި އިސްލާހާއި ގުޅިގެން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ފަލަސްތީނަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަކީ އެތަކެއް އަހަރުތަކެއްވެފައިވާ ހަމަލާތަކެއްކަމަށެވެ. އަދި މިކަން ދުނިޔޭގެ ގައުމުތަކަށް އެގޭތާވެސް އެތައް އަހަރުތަކެއްވެފައިވާކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ހިންގަމުން ހަނގުރާމައެއް ނޫންކަމަށައި، އެއީ ގަތުލު އާންމެއްކަމަށް ވިދާޅުވެމީކާއީލް ވަނީ ފާއިތުވެ 8 މަހެއްހާ ދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ފަރާތްތަކުގެ ތަފާސް ހިިސާބުތައް ހިއްސާ ކުރައްވާފައެވެ.
ދާދި ފަހުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިސްރާއީލުގެ އިސްވެރިންގެ އެރެސްޓް ވޮރެންޓަކަށް އެދިފައިވާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އދ ގެ ”ބްލެކް ލިސްޓް އޮން އޮރގަނައިޒޭޝަން ދެޓް ހާމްސް ޗިލްޑްރެންސް“ ގައި އިސްރާއީލާއި ގުޅުން ހުރި ފަރާތްތައް ޝާމިލު ކުރުމަށް ނިންމާފައިވާކަމަށް މީކާއީލް ވިދާޅުވިއެވެ.
އަޅުގަނޑު މި ހުށައަޅާ ބިލުގެ މަގްސަދަކީ ދިވެހި ރާއްޖެއިންވެސް ބައިނަލްއަގުވާމީ ފެންވަރުގައި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅާ މި އެޅުމުގައި ހަރުދަނާ ފެން ހިފޭނޭ ފިޔަވަޅެއް އެޅުމުގެ ބޭނުމުގައި އަޅުގަނޑު މި ބިލް ހުށައެޅީ.
މީކާއީލް ވިދާޅުވިއެވެ.
އިސްރާއީލްގެ ޕާސްޕޯޓް ބޭން ކުރުމަށް ހުށައެޅި މި ބިލުގެ މަގްސަދަކީ އިސްރާއީލާއި ދެކޮޅަށް ފެން ހިފޭ ފިޔަވަޅުތަކެއް އެޅުންކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ ހުރިހާ ޕާޓީއެއް އެކުވެގެން މި ބިލުގައި ރަނގަޅު މަސައްކަތްތަކެއް ކުރާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ހުރިހާ މެންބަރުންވެސް މި ބިލަށް ތާއީދު ކުރައްވާ ބިލުގެ މަސައްކަތް އަވަސްކުރުމަށްވެސް މީކާއީލް އެދިވަޑައިގެންނެވިއެވެ.
މި ބިލުގައި ހިމެނޭ ކޮންޓްރޮވާޝަލްކަމެއްގެ ގޮތުގައި މީކާއީލް ފާހަގަކުރެއްވީ، 8 ވަނަ މާއްދާގެ ހ ގެ ފަހަތަށް އިތުރުކޮށްފައިވާ ނަންބަރެވެ. އެ މާއްދާގައި އޮތީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާ ތަނުގެ ތެރޭގައި، އިސްރާއީލުގެ ޕާސްޕޯޓުުގެ އިތުރުން އެހެން ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭނެކަމަށެވެ. މީކާއީލް ވިދާޅުވީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުގައި އެކަނިވެސް 1.2 މިލިއަނެއްހާ މުސްލިމު ދަރިކޮޅުގެ މީީހުން އެބަތިކަމަށެވެ.
އެ މާއްދާގައި އެހެން އޮތުމުގެ ސަބަބުން އެ މީހުންނަށްވެސް ރާއްޖެ އެތެރެވުން މަނާވާކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، އެ މާއްދާ ބިލުން އުނިކޮށްފިނަމަ ބިލުގެ މަގްސަދު ހާސިލް ނުވާކަމަށެވެ. އެ މާއްދާ އުނިކޮށްފިނަމަ ޑުއެލް ސިޓިޒެންޝިޕް އޮންނަ އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވެވޭނެކަން މީކާއީލް ފާހަގަކުރެއްވިއެވެ.

