ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށް ކުރާ މަސައްކަތުގައި، ގޮތް ނިންމަން ޖެހޭނީ އެންމެ މޮޅު ގޮތް ނިންމާ ގައުމަަށްވުމުގެ ނިޔަތުގައި ނޫންކަމަށާއި ދިވެހިންނަށް އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ލިބޭނެ ގެއްލުންތަކަށް ދިރާސާ ވެސް ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.
މީކާއިލް ހުށަހެޅުއްވި އިސްލާހުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހި، ގައުމުގެ މަސްލަހަތުގައި ގޮތް ނިންމާ ބަޔަކަށް ވާން ޖެހޭކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ، މަޖިލީހުން ގޮތް ނިންމަން ވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ހިކުމަތްތެރި ނިންމުންތަކަކީ، ވަކި ބަޔަކު ނުވަތަ އެހެން ބާރުތައް ބޭނުންވާ ގޮތަށް ގޮތެއް ކަނޑަނޭޅުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ، މަންފާވާ ގޮތްތައް ބަލައި ނަތީޖާއަކާއި ހަމައަށް އައުންކަމަށް ނާޒިމް ވިދާޅުވި އެވެ.
ގައުމު ދެކެ ލޯބިވުމާއި، ގައުމިއްޔަތުގެ ހުރި ފަރަގުތައް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ގައުމު ދެކެ ލޯބިވުމަކީ ގައުމުން ކުރާކަމެއްގެ މައްޗަށް ފަހުރުވެރިވުން ކަމަށެވެ. އަދި ގައުމިއްޔަކީ ކޮންމެ ކަމެއްގައި ވެސް، ގައުމާއި ގުޅުން ހުރި ނިންމުންތަކުގައި ފަހުރުވެރިކަން އިހުސާސް ކުރެވުން ކަމަށެވެ.
ތެދަކީ ދިވެހި ރާއްޖެ އަބަދުވެސް އޮންނަން ވާނީ، ދިވެހިރާއްޖޭގެ ފަރާތުގައޭ.. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުން ބޭނުންވާ ގޮތަށް ހިތާ ރޫހުން ކަންކަން ނިންނާ ބައެކޭ.. އަޅުގަނޑުމެން މިގޮތަށް ތިބެން ޖެހޭ ގޮތް މާނަކޮށްދޭ މިންގަނޑަކީ ދުނިޔޭގެ އެހެން ބާރުތައް ބޭނުންވާހާ ގޮތަކަށް ވެގެންނެއް ނުވާނެ..
ޒިންމާދާރުވުމަކީ އެއްވެސް ހާލަތެއްގައި ކަނު ބަނދެގެން ތިބޭ އުސޫލުން ކަންކަން ނިންމުމެއް ނޫންކަމަށާއި، ގައުމަށް ދުޝްމަނުން ހޯދާ ލިބިގަތުން އެއީ ގައުމު ދެކެ ވާ ލޮތްބެއް ނޫންކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކަށް ވުރެ މޮޅު، ނުވަތަ ބޮޑު ނިންމުމެއް ނިންމައި ތިމަންނާމެންގެ ކޮޅު މާ މޮޅުކަމަށް ދައްކަން އުޅުން ރަނގަޅު ނޫންކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ދިވެހިން ނިންމާ ކޮންމެ ނިންމުމަކުން ގައުމުގެ މިނިވަންކަމާއި، އިގްތިސާދާއި ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ.
ޒިންމާދާރުވުމަކީ އަޅުގަނޑުމެން ކަނު ބަނދެވިގެން ތިބެ ގޮތް ނިންމުމެއް ނޫން.. ގައުމު ދެކެ ލޯބިވުމަކީ، ގައުމަށް ދުޝްމަނުން ހޯދާ ލިބިގަތުމެއް ވެސް ނޫން.. އަދި ގައުމުތަކަށް ވުރެ ތިމާމެން މި ނަގާ ޕޮޒިޝަން މާ ހަރުދަނާވެފައި.. މާ މޮޅޭ ބުނުމެއް ވެސް ނޫން..
ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާ ކުރުމުން، ކުރާނެ އަސަރުތަކުގެ ރަނގަޅު ދިރާސާ ރިޕޯޓެއް ހެދުމަށް ނާޒިމް ވަނީ ގޮވާލާފަ އެވެ. އެއީ އިގްތިސާދީ ގޮތުންނާއި، ސަލާމަތީ ގޮތުން ބަލައި ރައްކާތެރިކަމާއި މެދު ވިސްނައި ކުރާ މަޝްވަރާތަކަށް ވާން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބާރުތަކުން ބޭނުންވާ ގޮތަށް ކަންކަން ނިންމަން ނުޖެހޭކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާއިރު އިސްތިސްނާ ވާނެ ހާލަތެއް ނެތްކަމަށެވެ.

