ގައުމީ ސަލާމަތަށް އަސަރު ކުރާގޮތަށް ކުރީ ސަރުކާރުން އިންޑިއާއިއެކު ސޮއިކުރި ހަތަރު އެއްބަސްވުމެއްގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމައިފިއެވެ.
މިއީ މިއަދު ބޭއްވި އެ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި ނިންމި ނިންމުމެކެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން މި ނިންމުން ނިންމެވިއިރު، އަޒާން ހުށަހެޅުއްވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަން އަންނަ ގޮތަށް 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ހިނގާފައިވާ ކަންކަން ބެލުމަށް ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށެވެ. އެ އިންކުއަރީ ކުރިއަށް ދާނެ ގޮތް ރޭވުމަށް ހަތަރު މެންބަރުންގެ ސަބް ކޮމެޓީއެއް ނެގުމަށްވެސް އަޒާން ހުށައެޅުއްވިއެވެ.
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އަޒާންގެ މި ހުށައެޅުމަށް ތާއީދު ކުރައްވާފައެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އަސަރުކުރާގޮތަށް ހިންގާފައިވާ ކަންކަމުގެ މައްސަލަ ބަލާއިރު އިސްކަން ދޭންވީ ބައެއް މައްސަލަތައް އަޒާން ފާހަގަކުރައްވާފައިވެއެވެ.
އަޒާން ފާހަގަކުރެއްވި ބައެއް މައްސަލަތައް:
- ރާއްޖެ އާއި އިންޑިއާއާއި ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށްފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ހޯދުމަށް.
- އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ ބެލުމަށް .
- ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް ވެސް ހޯދުމަށް އަޒާން ވިދާޅުވީ މި މައްސަލަތައް ބެލުމުގެ ބޭނުމަކީ ކުރިން ތިބި ބަޔެއްގެ މައްސަލަ ބަލައި އެ މީހުން ފަލީހަތް ކުރުން ނޫންކަމަށާއި ބޭނުމަކީ ފަހުން ވެސް މިފަދަ އެއްބަސްވުންތައް ހެދިގެން އަންނައިރު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ކުރާ ކަމެއްކަން ކަށަވަރު ކުރުން.
މީގެ ތެރެއިން ގާސިމްވެސް ވަނީ މައްސަލައެއް ބެލުމަށް ހުށަހަޅުއްވާފައެވެ.
އެއީ:
ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ މައުލޫމާތު ދިނުމަށް.
241 ކޮމިޓީއިން ވަނީ އަޒާން ހުށައެޅުއްވި ގޮތަށް 4 މެންބަރުން ހިމެނޭ ސަބް ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ.
އެ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

