އަވަށްޓެރި އިންޑިއާ އަކީ އެންމެ ގާތް އަދި ރާއްޖެއާއެކު ސާބިތުވެ ހުރި ގައުމެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން “އެކްސް” ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަމުން ވަރުގަދަ ގުޅުންތައް ބޭއްވޭނެކަން ދަނީ ސާބިތުކޮށްދެމުން ކަމަށެވެ. އަޒާން ވިދާޅުވީ އިންޑިއާއަކީ ރާއްޖެ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށާއި އެ ގައުމަކީ ސާބިތު އެކުވެރިއެއް ކަމަށެވެ.
ރައީސް އިންޑިއާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރައްވައި ވަނީ ރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރަން އިންތިޒާރުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެބައްދަލުވުމުގައި ދޭދޭ ގައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް މުއިއްޒުއާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އަދި އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެޤައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.

