އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރީން، އިންޑިއާގައި ހުންނަވާ ދެއްވި ބަސްދީގަތުމެއްގައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމަށާއި އަދި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މީގެ އިތުރުން ދެޤައުމުގެ އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ދިވެހިރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭގޮތަށްކަން ފާހަގަކުރައްވައި ކުރިޔަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.

