ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ކުރިއަށް ގެންދިއުމަށް ތައްޔާރު ކުރަމުންދާ އެމްޑީޕީގެ މަގުޗާޓަކީ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓެއްކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީއިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެމްޑީޕީއިން ބުނީ އިންތިހާބުތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ފައްޔާޒް ވަނީ ގައުމީ މަޖިލީހާ ހިއްސާކުރައްވާފައިކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމުކަމެއްކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.
މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ފައްޔާޒް ވަނީ ގައުމީ މަޖިލީހުގައި އެދިވަޑައިގެންފައެވެ. އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ.

