ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށް އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން ވެލިޑޭޓް ކުރުމަށްޓަކައި 2 ދުވަހުގެ ޓެކްނިކަލް ސެޝަންތަކެއް ޖޫން މަހުގެ 9 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށް ގެންގޮސްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ސެޝަންތަކުގައި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވާކަމަށެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ނޭޝަނަލް އެކްޝަން ޕްލޭން 2024-2028 އެކުލަވާލުމަށް ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި މިކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި މުއައްސަސާތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމަށް މި މަޝްވަރާތަކުގައި އަލިއަޅުވާލައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ދެ ދުވަހުގެ މި ޓެކްނިކަލް ސެޝަންތަކުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ ނަތީޖާއަށް ބިނާކުރެވިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކެއް ކަމަށެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ރައްދުދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހައި ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

