ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައު ހުދުވުމުގެ ސަބަބުން ހުއްޓުވާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަމާލުވާން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގައު ހުދުވުމުގެ ސަބަބުން ހުއްޓުވާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޖޫން 10 އާއި ހަމައަށް ގާތްގަނޑަކަށް 200 މަޝްރޫޢެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ކޮމްޕޯނެންޓްތައް ވަނީ ހުއްޓުވާފައެވެ. މިދިޔަ މަހު ކޮރަލް ރީފް ވޮޗްއިން އިއުލާންކުރި އެލަރޓްގައި ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް ބަލައި ގައު ހުދުވުން އެކަށީގެންވާކަމަށް ލަފާކޮށް، އެލަރޓް ލެވެލް 2 އިން 1 އަށް މަތިކޮށްފައެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައްސަލަ ފާހަގަވުމާއެކީ ޤަރާރެއް ނެރި، ބިން ހިއްކުމާއި ފަޅުފުންކުރުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. މީގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅުކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުންފަދަ މަސައްކަތްތައް ހިމެނެއެވެ. އެއް މަސްދުވަހަށް މިފަދަ މަސައްކަތްތައް މަޑު ޖައްސާލަފައިވަނީ ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނު މިން ދަށްވަމުންދާ ކަމަށާއި ގާތައް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭއިން މަޢުލޫމާތު ދީފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް މިހާރު ބަދަލުކޮށްފައިވާކަމަށް އެންވައިރޮމެންޓް މިނިސްޓްރޯން ވަނީ މައުލޫމާތު ދީފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވީ ގައު ހުދުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި އަދި ރާއްޖެއަށް އެކަނި ހައްލުކުރެވޭނެ މައްސަލައެއްވެސް ނޫން ކަމަށެވެ. މިފަހަރުގެ ގައު ހުދުވުމުގެ މައްސަލަ ޕެސިފިކް، އެޓްލާންޓިކް، އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ގިނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ކަމަށާއި އަދި މިއީ ހަތަރުވަނަ އަށް އެންމެ ބޮޑަށް ގައު ހުދުވުމުގެ މައްސަލަ ފާހަގަކުރެވުނު ފަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން  ވޮޗް އަދި މޮނިޓަރިންގ ހާލަތަށް ބަދަލުވެފައިވީ ނަމަވެސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި މިހާރު ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަސްވީރެއް އެނގެން ދުވަސްކޮޅެއް ނެގުން އެކަށީގެން ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގައު ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: