ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2.5 މިލިއަން ޑޮލަރު މައްސަލަ އެމްއެމްޕީއާރުސީއަށް ހައިކޯޓުން ވެސް ނާކާމިޔާބު!

ދިވެހިރާއްޖޭގެ ހައިކޯޓު:ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 2.5 މިލިއަން ޑޮލަރު ހޯދަން ކުރި ދައުވާގައި ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓް ދެމެދު ސޮއި ކުރި ދެ ޕްރޮމިސަރީ ނޯޓެއްގެ ދަށުން ކުންފުނީގެ މެނޭޖްމަންޓަށް ފައިސާ ދޫކޮށްފައިވާކަމަށް ބުނެ އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ މައްސަލައެކެވެ. ފައިސާ ދޫކޮށްފައި ވަނީ ޕްރޮމިސަރީ ނޯޓާއި، ޕްރޮމިސަރީ ނޯޓުގެ ދަށުންކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އަދި ދެ ނޯޓުގެ ދަށުން ފަސް މިލިއަން ޑޮލަރު ދޫކުރިކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ޕޭމަންޓު ވައުޗަރުން އަނބުރާ ދައްކާ ގޮތަށް އެއް މިލިއަން ފަސް ލައްކަ ޑޮލަރު  މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދޫކުރިކަމަށެވެ. އަދި ޖުމްލަ 6.5 މިލިއަން ދޫކުރިއިރު އެ ފައިސާގެ ތެރެއިން ކުންފުނިން އަނބުރާ ދައްކާފައި ނުވާ އަދަދަކީ 2.5 މިލިއަން އެވެ. އެމްއެމްޕީއާރުސީން އެންމެ ފުރަތަމަ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ފައިސާ އަނބުރާ ހޯދުމަށެވެ.

އެކަމަކު ދަށު ކޯޓުގައި މިލީނިއަމް ކުންފުނިން ވަނީ އެމްއެމްޕީއާރުސީ ހުށަހެޅި ދެ ލިއުމުގެ ސައްހަކަމާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ދެ ލިއުމުގައި ވެސް ސޮއި ކުރި ފަރާތުގެ އިނގިލީގެ ނިޝާނާއި، ކުންފުނީގެ ފަރާތުން ސޮއި ކުރިކަން އަނގައިދޭ އެއްވެސް ރަމްޒެއް ނެތްކަމަށް ބުންޏެވެ. ކުންފުނިން ވަނީ އެމްއެމްޕީއާރުސީން ދިންކަމަށް ބުނާ ފައިސާ ހަވާލު ކުރިކަން ޝަރީއަތަށް ސާބިތު ކުރެވޭ މިންވަރަށް ހެއްކެއް ހުށަހަޅާފައި ނެތްކަމަށް ވެސް ކުންފުނިން ބުނެފައި ވެއެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެމްއެމްޕީއާރުސީން އަނބުރާ ދައްކާ ގޮތަށް މިލީނިއަމް ކެޕިޓަލްއަށް 1.5 މިލިއަން ޑޮލަރު ދިންކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ލިއުން ހުށަހެޅިއިރު ފައިސާ ހަވާލު ކުރި ފަހުން މިލީނިއަމް ކުންފުނިން އެ ކޯޕަރޭޝަނަށް 2 މިލިއަން ޑޮލަރު ދިންކަން ލިޔެކިއުންތަކުން އެނގެން އެބައޮތް ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރުސީން އަނބުރާ ނަގައިދޭން އެދިފައިވާ އަދަދަކީ، ދައްކަން ޖެހި ނުދެއްކިވާ ފައިސާއެއްކަން ސާބިތު ނުވާކަމަށެވެ.

މައްސަލަ އެމްއެމްޕީއާރުސީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުން އިއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތަށް އެ ކޯޕަރޭޝަނަށް ކޯޓުގައި ބުނެދެވިފައި ނުވާކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަނާޅާ ލިއުމެއް އެ ކުންފުނިން ހައިކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރުމަށް އެދިފައިވީ ނަމަވެސް އެ ލިއުމަކީ ކުރިން ވެސް ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިއުމެއްކަމަށް ހުކުމުގައި ވެއެވެ.

މައްސަލައަކީ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރީގެ މައްސަލައަކަށް ވާތީ، އަމަލު ކުރެވެން އޮތީ އޭރު އަމަލު ކުރެވެމުން ދިޔަ ގޮތަށްކަމަށް ހުކުމުގައި ވެއެވެ. އެގޮތުން ބަލާއިރު ރައްދު އިސްތިއުނާފު ކުރުމަށް ބޭނުންވާ ފަރާތުން ވެސް އިސްތިއުނާފު ކުރުމަށް ކަނޑައެޅުނު މުއްދަތުގައި ހުށަހެޅުމުން ނޫނީ ރައްދު އިސްތިއުނާފު ބަލައިނުގަނެވޭނެކަން އެނގެން އެބައޮތްކަން ހުކުމުގައި ފާހަގަކުރި އެވެ.

ހުކުމުގައި ވަނީ މި މައްސަލައިގެ އެ ލިއުންތައް އެމްއެމްޕީއާރުސީއަށް ކުރިން ހުށަނޭޅުނު ސަބަބެއް ބުނެދެވިފައި ނެތް އިރު އައު ހެއްކެއް ލިބުނުކަމަށް ބުނެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ނުކުރެވޭނެކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރި އެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި، އިސް ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. މައްސަލައިގެ ބެންޗު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: