މި މަހު 16 ގައި ފާހަގަކުރާ މިއަހަރުގެ ބޮޑު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
މިކަން މަނާކޮށްފައިވަނީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައެވެ. އިއުލާނުގައި ބުނެފައިވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާކަމަށެވެ.
އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެކަމަށް މައުލޫމާތުދީފައިވެއެވެ.
ސްޓިކާ ދޫކުރަން ހަމަޖެހިފައިވާ ގަޑިތައް:
- ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް.
- ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް.
މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ކޮންމެ އީދަކާ ދިމާކޮށްވެސް މާލޭ ސިޓީ ކައުންސިލުން އީދު ދުވަހުގެ ވަކި ވަގުތަކަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރެއެވެ.

