ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމާއި، މެމްބަރުންގެ އަޣުލަބިއްޔަތު މައްސަލަ: ގާނޫނީ ބަހުސްތަކަށް ހައްލު ގެންނަނީ!

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ސަރުކާރެއް ވެސް ބަދަލުވުމާއި އެކު އުފެދޭ ގާނޫނީ ބޮޑެތި ބަހުސްތަކާއި، ހަމަނުޖެހުން އުފެދޭ މައްސަލަތައް ހައްލު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތްތައް ކުރާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ދޭން ފާސް ނުވުމުން، އަލުން އެބޭފުޅުން މަގާމަށް އައްޔަނުކޮށް ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެކަމަށް ގާނޫނީ ގިނަ ބަހުސްތަކެއް އުފެދުނެވެ. ގާނޫނީ އެކި ބޭފުޅުންގެ ހިޔާލުތައް ވެސް މައްސަލައިގައި ދެކަފިވެ، އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު އިރު ވަޒީރަކަށް ރުހުން ނުލިބޭ ހާލަތެއްގައި ދެން ވާނެ ގޮތެއް ގާނޫނުގައި ބަޔާނެއް ނުކުރެ އެވެ. އަދި އެބޭފުޅުން އަލުން މަގާމަށް އައްޔަނު ކުރެވިދާނެކަން ނުވަތަ ނޫން ވެސް ގާނޫނުގައި ނެތެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި، ވާގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ވަޒީރުންނަށް ސަރުކާރުން ރުހުން ހޯދަން ވާނެ އެވެ. ގާނޫނުއަސާސީގެ އެ މާއްދާތަކަށް ބަލާއިރު، ވަޒީރުންނަކީ ރުހުން ލިބިފައިވާ ބަޔަކަށް ވާން ޖެހެ އެވެ. އެހެން ނަމަވެސް ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމުން، އެގޮތަށް އަމަލު ނުކުރެވޭނެކަމަށް އޭރުގެ މަޖިލިސް މެމްބަރުން ވިދާޅުވި އެވެ.

މި މައްސަލައިގައި ހަމައެކަނި އޮތީ މީގެ 14 އަހަރު ކުރިން، 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެދުނު ގާނޫނީ ބަހުސަކަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ދެން އުފެދުނު އަނެއް ގާނޫނީ ބަހުސަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވުމަށް ފަހު ވެސް ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ގުނުމާ ގުޅޭގޮތުންނެވެ. ކޮންމެ ސަރުކާރެއް ވެސް ބަދަލުވުމާ އެކު އޭރަކު ރައްޔިތުންގެ މަޖިލީހުގައި ތިބޭ އެ ޕާޓީއެއްގެ މަދު މެމްބަރެއް ނަމަވެސް ވަޒީރުކަމާއި ކުންފުނިތަކުގެ އިސްވެރިންނަށް އައްޔަނު ކުރެ އެވެ.

މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އެގޮތަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވި އެވެ. މެމްބަރުންގެ އަޣުލަބިއްޔަތު 80 ކަމަށް ފާސްކުރުމުން، އެ މައްސަލަ ކޯޓަށް ހުށަހެޅީ ބަންޑާރަ ނައިބުގެ އޮފީހެވެ.

މައްސަލަތައް އުފެދި، ބޮޑެތި ހާޖާނުތަކަށް ދިޔަ މިފަދަ ހާލަތްތަކަށް ގާނީ ހައްލު ގެނައުމުގެ ވިސްނުން އެބައޮތް ތޯ ސުވާލު ކުރުމުން އުޝާމް ވިދާޅުވީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ އެފަދަ ބައެއް ކަންކަން ދެނެގަނެވިފައިވާ ކަމަށެވެ.

އުޝާމް ވިދާޅުވީ ބަދަލުވާ ކޮންމެ ސަރުކާރަކާއި އެކު، ގާނޫނީ ގޮތުން ބަހުސްތައް އުފެދޭ މިފަދަ ހާލަތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ވިސްނުންތަކެއް ގެންގުޅުއްވާކަމަށް އުޝާމްގެ ވާހަކައިގައި ވިދާޅުވި އެވެ.

ތި ދެންނެވީ ހަމަ ވަރަށް ރަނގަޅު ވާހަކަފުޅެއް… އަޅުގަނޑުމެން މި ސަރުކާރު ވެރިކަމަށް، ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ހިނގައިދިޔަ ހަމަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހިނގައިދިޔަ، ކަންތައްތަކަށް ބަލާއިރުގަ ގާނޫނުއަސާސީއަށް ބައެއް މުހިންމު އިސްލާހުތައް… އަޅުގަނޑު ކުރިން ދެންނެވި، އިސްލާހުތަކުގެ ބޭރުން ގާނޫނުއަސާސީއަށް ބައެއް މުހިންމު އިސްލާހުތަކެއް އެބަ ގެންނަން ޖެހޭކަން.. އެހެންވެ އަޅުގަނޑު މިދެންނެވީ ދައުލަތުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިތުރު އިސްލާޙުތަކާ ގުޅޭގޮތުން، އަޅުގަނޑުމެން މަޝްވަރާ ކުރަމުން ގެންދާ ވާހަކަ… ތިޔަ ވިދާޅުވި ކަންކަމަކީ އޭގެ ތެރޭގައި ހިމެނޭ ކަންކަން.. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ތި ކަންކަމުން ބޮޑު ހަމަނުޖެހުމަކަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން..

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް ސަރުކާރުން ހުށަހެޅުމަށް ގަސްތު ކުރާ ބިލުތަކުގެ ތަފްސީލުތައް ބަންޑާރަ ނައިބުގެ އޮފީހުން ހިއްސާ ކުރިއިރު އޭގެ ތެރޭގައި ޒަމާނަށް ނުފެތޭކަމަށް ގަބޫލު ކުރެވޭ 26 ގާނޫނެއް އުވާލުން ވެސް ހިމެނެ އެވެ.

މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް އެކުލެވެއެވެ. އެގޮތުން، މި ލެޖިސްލެޓިވް އެޖެންޑާގައި، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ތައާރަފު ކުރަން ޖެހޭ ބިލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅާ ބިލުތައް ހިމެނެއެވެ.

އޭގެ އިތުރުން، އަލަށް އެކުލަވާލަން ޖެހޭ ޤާނޫނުތަކާގުޅޭ ބިލުތަކާއި، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިސްލާހު ގެންނަން ޖެހޭ ގާނޫނުތަކުގެ ބިލުތައް ހިމެނެއެވެ.

މި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ދުސްތޫރީ އަދި ގާނޫނީ ކަންކަމާއި، އިސްލާމްދީނާއި ގައުމިއްޔަތާއި، ގައުމީ ސަލާމަތާއި ޚާރިޖިއްޔާ ހިމެނެއެވެ. އަދި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާއި، ވިޔަފާރިއާއި އިގްތިސާދު، ފައިސާއާއި މާލީ ކަންކަމާއި ބިމާއި މުދަލާއި އުމްރާނީ ތަރައްގީ ފާހަގަކުރެވެ އެވެ.

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ބިލްތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދާނީ ވަގުތާއި ހާލަތަށާއި ބޭނުމަށް ރިއާޔަތްކުރުމަށް ފަހުއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މި ލިސްޓަށް އުނިއިތުރު އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލެޖިސްލެޓިވް އެޖެންޑާ މަދުވެގެން އެއްފަހަރު މުރާޖައާ ކުރެވޭނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: