ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ޚިދުމަތުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ( ޕީޖީ ) ވިދާޅުވެއްޖެއެވެ.
ޕީޖީ ބުނީ ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޙިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާނޫނުއަސާސީގައި ޤާއިމުކޮށްދިފައި އޮންނާނެ ކަމަށެވެ. އަދި ފުލުހުންނަކީ އަމަން އަމާންކަން ޤާއިމުކޮށްދިނުމުގެ ޙިދުމަތް ފޯރުކޮށްދޭ ބައެއްކަމަށާއި އަދި އެ ޙިދުމަތުގެ ތެރޭގައި ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުން ހިމެނޭ ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ތެރޭގައި ތަޙުޤީޤުކުރާ އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން ހިމެނޭ ކަމަށާއި އަދި ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާއި ގުޅިގެން ހިންގާ ތަހުޤީޤުތައް ބަލައި، އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި، ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަހުޤީޤުކުރަން އަމުރު ނެރުމުގެ ބާރުވެސް ޕީޖީއަށް ލިބިގެންވާކަމަށް ވަނީ ބުނެފައެވެ. އަދި އެބާރުއަކީ އެހެން އެއްވެސް މީހަކަށް ލިބިފައި ނުވާ ބާރެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ކުރާ ޖިނާއީ މައްސަލަތައް ތަހްޤީޤުކުރުމާބެހޭ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، އެކަންކަމުގައި އިޞްލާޙުކުރަންވީ ކަންކަން އެންގުމާއި އަދި ފުލުހުން ނުބަލާ ދޫކޮށްލާ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތާއި ޤާނޫނީ ދައުރު އޮތީ ޕީޖީއަށް ކަމަށެވެ. ޕީޖީއިންބުނީ މިކަން ކަށަވަރުވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 13 ވަނަ ބާބު ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރަށް ޚާއްޞަކޮށްފައިވާތީ ކަމަށެވެ. އެޤާނޫނުގެ 72 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު) ގައި، އެކަން ހިނގާންވީ ގޮތް އެބައޮތްކަމާއި އެމާއްދާ ބުނާ ގޮތުން، ފުލުހުން ލިޔުމުން އިރުޝާދަކަށް އެދުމުން، ޕީޖީއިން ލިޔުމުން ދޭ އިރުޝާދަކާ އެއްގޮތަށް ޢަމަލުކުރުމަކީ ފުލުހުންނަށް ޤާނޫނީ ގޮތުން ލާޒިމުކަމެއް ކަމަށެވެ.
މީގެ އިތުރުން، ރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ފުލުހުންނަކީ އެންމެ މުހިންމު ބައިވެރިޔާކަމަށާއި މި ދެ މުއައްސަސާގެ މަސައްކަތް އޮތީ ޤާނޫނީ ގޮތުން ގުޅިފައި ކަމަށް ވަނީ ފާހަގަކޮށްފައެވެ.

