ބިލުތައް ދައްކަމުން ދިޔަނަމަވެސް، ގޭގެ ވެރިފަރާތުން ފެންމީޓަރުގައި ތަޅު އަޅުވައި ހިދުމަތް މެދުކަނޑާލާ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލަ ފެންމަތިވެ، އެޗްއާރުސީއެމް ބުނީ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ގަވައިދުން ބިލު ދައްކަމުން ދަނިކޮށް އެ ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ހިދުމަތަށް ބުރޫ އަރުވާކަމުގެ ޝަކުވާ ކަމަށެވެ. އަދި ފެން ކުންފުންޏަށް އެންގުމަކާ ނުލައި، ގޭގެ ވެރިފަރާތުން އެގޮތަށް ތަކުރާރުކޮށް އަމަލު ކުރަމުންދާކަމަށް ލިބުނު ޝަކުވާގައިވާކަމަށް ކޮމިޝަނުން ބުންޏެވެ.
މައްސަލައިގެ ތަހުގީގު ކުރިޔަށްދާކަމަށް ހާމަކޮށް، އެޗްއާރުސީއެމް ބުނީ މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންނާއި ގުޅުން ހުރި އިދާރާތަކާއި މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދިފައިވާކަމަށެވެ.
ފެނުގެ ހިދުމަތް މެދުކަނޑާލައި، ތަޅު އަޅުވައި އާންމު ރައްޔިތުންނަށް އުނދަގޫވާނެހެން އަމަލު ކުރުމަކީ، އޭގެ ނޭދެވޭ އަސަރު އެ ގެއެއްގައި އުޅޭ އާންމުނަށް ފޯރާނެ ސަބަބަކަށް ވާތީ އެއްވެސް ރައްޔިތެއްގެ ހައްގެއް މިފަދަ ގޮތަކަށް ނިގުޅައިނުގަނެވޭނެކަމަށް އެޗްއާރުސީއެމް ވަނީ ބުނެފަ އެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނުވީ، އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެކަމަށް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އާންމުންގެ ފަރުދުންގެ މެދުގައި ނުވަތަ އާންމު ފަރުދުންނާއި ކުންފުނިތައް ދެމެދު އުފެދޭ މިފަދަ މައްސަލަތައް ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް ވެސް އެޗްއާރުސީއެމް ވަނީ އެދިފަ އެވެ.

