ދިވެހިރާއްޖެއާއި އައިސްލޭންޑާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް، މަސައްކަތްތަކެއް ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އައިސްލޭންޑްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ތޯރޑިސް ކޯލްބްރޫން ރެކްފްޖޯރޑް ގިލްފާޑޮޓިއަރއަށް ތަހުނިޔާ ވިދާޅުވެ މިނިސްޓަރ ވަނީ ހާއްސަ މެސެޖެއް ފޮނުއްވާފަ އެވެ.
އެކަމުގެ މައުލޫމާތު ހިއްސާކޮށް ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މެސެޖުގައި އައިސްލޭންޑްގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އައިސްލޭންޑްގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމަށްޓަކައި، މަސައްކަތައް ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވި އެވެ.

