ރާއްޖޭގެ ވެރިކަން ކުރާ ސިޓީއަކީ މާލެ ސިޓީއަށް ވާއިރު، މާލެ އާރާސްތުކޮށް އިގްތިސޯދު ކުރުމަކީ ދިވެހީންގެ މައްޗަށް އޮތް ވަރަށް ވެސް ބޮޑު ޒިންމާއެކެވެ. މާލޭގެ އިގްތިސޯދު ހިންގުމުގައި ދިވެހީންގެ މައްޗައް މި އޮތް ޒިންމާ މިއަދު އަދާ ކުރެވެނީ ކިހާ ވަރަކަށްތޯ ބަލާ ލައިފިނަމަ ފެނިގެން މިދަނީ ބޮޑުތަނުން އިޙްމާލުވެފައިވާ މަންޒަރެވެ. މާލޭގެ އާންމު ވިޔަފާރި ދައުރު ކުރަނީ ރާއްޖޭން ބޭރުގެ އެކިފަރާތް ތަކުންނޭ ބުނުމުން ހަމަ ޔަޤީނުންވެސް ދޮގަކަށް ނުވާނެ އެވެ. މަދު ފައިސާކޮޅަކަށްޓަކައި، ބައެއް ދިވެހީން މިއަދު ތިބީ އެމީހެއްގެ ނަމުގެ ދަށުން ބޭރު މީހާއަށް ވިޔަފާރި ކުރެވޭނެ މަގު ކޮށައިދީގެނެވެ. މިއީ ޔަގީނުންވެސް ރައްޔިތެއްގެ ހައިސިއްޔަތުން ގައުމަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.
މާލޭގެ ހަނި މަގުތަކުގައި އާންމުކޮން ހުންނަ ކަންމަތީ ވިޔަފާރިތަކުގެ މައި ކޮންޓްރޯލް ނަގާފައި ވަނީ ބޭރުގެ އެކި ފަރާތްތަކުންނެވެ. ބައެއް ފިހާރަތަކުން ކަނޑައެޅިގެން ޤަވައިދާ ޙިލާފަށް، އެ މީހުންގެ ޤައުމުގެ ފައިސާއިން ވިޔަފާރި ކުރެވޭނެ މަގުވެސް ތަނަވަސްކޮށްދީފައި އެބަ އޮވެއެވެ.
މިއީ ރާއްޖޭގެ އިޤްތިސޯދަށް ފޫނުބެދޭވަރުގެ ގެއްލުން ލިބިދާނެ ކަމެކެވެ. ކަން އެހެން އޮތްކަމުގައި ވާނަމަ މުދާ ދައުރު އެކުރަނީ އެމީހުންގެ ފައިސާއިންނެވެ. ރާއްޖެއިން ކޮންމެ ދުވަހަކު އެއްވެސް ހިސާބެއްގައި ޖެހުމެއް ނެތި އެތައް ހާސް ޑޮލަރެއް މިގޮތަށް ބޭރުވެގެން ދެއެވެ.
ރާއްޖޭގެ ވެރިރަށް މާލޭގައި އާންމު ދިވެހި ރައްޔިތަކު ވިޔަފާރިއެއް ފަށާނަމަ، ފެށެން އޮންނަ އެންމެ ފަސޭހަ މަގަކީވެސް މިއީއެވެ. އާދައިގެ ކުޑަ ފިހާރައަކުންނެވެ. މި ދާއިރާ ތަކަށް ބަލާލިޔަސް ރެސްޓޯރެންޓް ހޮޓާފަދަ ތަންތަންވެސް މިހާރު ވަނީ ބޭރު ފަރާތްތަކުގެ އަތްމައްޗަށް ގޮއްސައެވެ. އެމީހުން ދީފިއްޔާ ކައިގެން ނުދީފިއްޔާ ނުކައި ތިބޭ ބަޔަކަށް ދިވެހީން ވުމުގެ ކުރީން މިކަމުން ސަލާމަތުގެ އައްސޭރިއަކަށް ދަތުރު ފެށުމަކީ މުހިންމު ކަމެކެވެ.
މާލޭގެ ގެސްޓްހައުސް، ހޮޓެލް އިންޑަސްޓްރީއަށް ބަލާލި ނަމަވެސް ފެނިގެންދަނީ ސާފު މަންޒަރެކެވެ. މާލޭގައި ގެސްޓްހައުސް ހިންގާ ދިވެހީންނަށްވުރެ ބިދޭސީން ގިނަ ކަމީ މިހާރު ދެކޮޅު ހެދެންނެތް ހަޤީޤަތެކެވެ. ހިންގަމުން ގެންދާ ބައެއް ގެސްޓްހައުސް ތަކަކީ އިންސާނުން އުޅެން ކަމުނުދާހާ މުޑުދާރު ތަންތަން ކަންމުގައިވީ ނަމަވެސް މެއެވެ. އަހަރުގައި ލިބޭ ޗުއްޓީތަކުގައި ޑަކްޓަރަށް ދައްކާލަން ރަށްރަށުން ޒިޔާރަތްކުރާ ފަރުދުންނަށް އެތަންތާ ތިބުން ނޫން ގޮތެއް ނެތިގެން މަޖުބޫރީ ހާލަތުގައި އެތަންތަން ކުއްޔަށް ނަގަން ޖެހެއެވެ. އަދި މިފަދަ ދުވަސްވަރު ތަނުގެ ކުލި ބޮޑު ކުރުމަކީ އާންމު ކަމަށްވީ ނަމަވެސް މެއެވެ.
މާލޭގައި ދިވެހީންހިންގާ ގިނަ ގެސްޓްހައުސް ތަކަކީ އާންމު މީހާއަށް އަތް ފޯރާވަރަށްވުރެ އަގު ބޮޑު ތަން ތަނެވެ. އުޅެން ލިބޭ މާހައުލު ހިތްގައިމުވިއެއްކަމަކު، ގިނަ ފަހަރަށް އެވަރުގެ ގެސްޓްހައުސްއެއްގައި އެންމެ ރެއަކު ނިދާލާނެ ފަދަ ވެސް އާންމު ދިވެހި ރައްޔިތު މީހާގެ އަތުގައި ގިނަ ފަހަރަށް ނޯވެއެވެ.
އެހެން ދާއިރާއަކަށް ނަޒަރު ހިންގާލާނަމަ، ސައިކަލު ސާވިސް ކުރާ ގަރާޖުތަކުގައި އާންމުކޮން ސައިކަލު ދޮވުމުގެ ހިދުމަތް ދެނީ 80ރ ގެ މަގުންނެވެ. ބިދޭސީން ސައިކަލު ފޮހުމުގެ ޙިދުމަތް ދެނީ މާލެތެރޭގައި އޭގެ ދެގުނަ އަގު ހެޔޮކޮށެވެ. ހިދުމަތަށްފަހު ފައިސާ ޓްރާންސްފާ ކުރުމެއް އެއްވެސް ވަރަކަށް ނޯވެއެވެ. އެޔާ ހިލާފަށް، ބިދޭސީން ޑިމާންޓް ކުރަނީ ނަގުދު ފައިސާއަށެވެ. އިންސާނުންނަށް އެޙީގެ އަތެއް ދިއްކޮށްލުމަކީ ރަނގަޅު ސަޤާފަތެކެވެ.
އެހެން ނަމަވެސް ގިނަ ދިވެހީންނަށް މި ހެދެނީ ކިހާވަރެއްގެ ގޯހެއްކަން ނޭގި އެވެރީންގެ އަތަށް ސައިކަލު ހަވާލު ކޮށްލަނީ ހަމަ މަދު ފައިސާ ކޮޅެއް ސަލާމަތް ކޮށްލުމުގެ ގޮތުންނެވެ. މިހެން ލިބޭ ފައިސާ ގަނޑުކޮށްގެން އެއްވެސް ލިޔެކިއުމެއްގައި ނުޖެހި ކަޅުބާޒާރުން ޑޮލަރުގަނެ، މިޤައުމުން އެތައްހާސް، އެތައް ލައްކަ ޑޮލަރެއް ބޭރުވެގެން ދެއެވެ. ދިވެހީންނަށް ޑޮލަރުގެ ދަތިކަން މިއަދު ދިމާވެފައި މި ވަނީ މި ކަންކަމަށް ހޭލުންތެރި ނުވުމުގެ ސަބަބުންނޭ ބުނުމުން މުޅިއެކު ދޮގަކަށް ނުވާނެއެވެ.
ޑޮލަރު ބޭންކުރޭޓުގައި ހޯދުމަކީ މިއަދު ދަތި ކަމަކަށް ވެފައިވާއިރު ނޭނގި ތިބެ ކަންފަސޭހަ ކޮށްލައި ގައުމުގެ އިޤްތިސޯދު މިފަދަ އަޑިގަނޑަކަށް ވެއްޓެން ދޫކޮށްލެވޭކަށް ނެތެވެ. ބޭނުންވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުތަޖުން ކުރާ މަސައްކަތްތަކަށް ޒިންމާދާރު ރައްޔިތުންތަކެއްގެ އެއްބައިވަންތަ ކަމެވެ. މިއަދު މިވަނީ ޑޮލަރަށް އޮންނަ ޑިމާންޑާ އެއްވަރަށް ބޭންކު ތަކުން ޢާންމުންނަށް ޑޮލަރު ނުދެވިފައެވެ.
މި އަހަރުގެ ވެރިކަމަށް ނަޒަރު ހިންގާލާނަމަ، ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމުގެ ގޮތުން އިންވެސްޓްމަންޓް ބޭންކެއް ގާއިމުކޮށް އެ ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުމަށް ވަނީ ސަރުކާރުން ނިންމާފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސާދަށް ބޭރު ފައިސާ ވައްދައި އެފައިސާ އިގުތިސާދުގައި އެކަށީގެންވާވަރަށް ދައުރުކުރުމުން މެނުވީ އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ގަނޑުކޮށް ރާއްޖެއިން ބޭރަށް ނުގެންދިއުމަށް ބާރު އެޅޭގޮތަށް ގާނޫނުތަކާއި ސިޔާސަތުތައް އިސްލާހުކުރަން ވެސް ވަނީ ނިންމާފައެވެ.


2 Responses
ތިޔަކަޅުބާޒާރުން ޑޮލަރުގަނެވިއްކުން ބިދޭސީންނައް މަނާކުރަންޖެހޭ އެކަންސާބިތުކުރާނީކިހިނެއް އެކަންބަލަހައްޓަންތިބީ ސިފާން ނާ ޕޮލިހުން ތިބެނީ އެބިދޭސީންދަށުވެފާ!
ތިވިސްނުން ދިވެހިރަތްޔިތުންގެ އެބަހުރިތޯ؟ ތިބުނާހެންމަމިހަދާގޮތަކީ މަށައްލިބޭކުޑަުލާރިކޮޅަކައްވަގުތީއުފަލަކައް ގައުމާއިގައުމުގެއިގްތިސާދައް އެއްވެސްވަރަކައްނުބަލާ ނުވިސްނާ ބޭރުމީހާޔައް ކުޑަރުފިޔާކޮޅަކައް އެކަންދޫކޮއްލަނީ މިކަމާ ދިވެހިރަތްޔިތުން ވިސްނަންޖެހޭހިސާބައްކަންތައްމިހާރުހިންގައްޖެ މިކަމާސަރުކާރުންވެސް އެބަޖެހޭއަވަސްފިޔަވަޅުއަޅަން ރެސްޓޯރެންޓާ ކަންމަތީފިހާރަތަކާ ގާޑިއާތަކާ ކެފޭތަކާ މިހެންގޮސް ކިޔާނެކަމެއްނެއް މިކަހަލުގެ ހުރިހާވިޔަފާރިއެއްމިގައުމުގަ ހާއްސަކޮއްމިމާލޭގަކުރަނީބޭރުމީހުން މީދިވެހިންވިސްނަންޖެހޭ ވަރަތްދެރަހިތާމަހުރިކަމެއް މިކަމައްއަވަސްހައްލެއްހޯދަންޖެހޭ