ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ސަގާފަތަކީ އީދުގައި ފެން ޖެހުން، ކުލަ ޖެހުމެއް ނޫން: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އީދު ފާހަގަކުރުމުގައި، ކުލަ ޖެހުމަކީ ދިވެހިންގެ ސަގާފަތެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަޟްހާ އީދު ފާހަގަކުރުމުގައި، މިއުޒިކާއި ކުޅިވަރުގެ ހަރަކާތްތައް ހިންގާތީ އެކަމަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އަދި އީދު ދުވަހު ތަހުނިޔާ ފޮނުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކުޅިވަރު ހަރަކާތްތަކާއި، އުފާފާޅު ކުރުމުގައި އިސްލާމީ ރިވެހި އަހުލާގު ހިފެހެއްޓުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އީދުގެ ހަރަކާތްތަކުގެ ތެރެއިން، މާލި ޕެރޭޑު ނުވަތަ މާލި ހިނގާލުމުގެ ބައެއް ފޮޓޯތައް އާންމުވުމުން ޝަހީމް ވަނީ ޖިންނި ޝައިތާނުންގެ ސިފަ ޖައްސައި މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުމުން ޝަރުއީ ގޮތުން ހުއްދަވެގެން ނުވާކަމަށް ވިދާޅުވެފަ އެވެ. ޝަހީމް ވިދާޅުވީ ސަގާފަތުގެ ނަމުގައި ހުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭކަމެއް ނޫންކަމަށެވެ. ދިވެހިންގެ ސަގާފަތެއް ކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަންތައްކަމަށާއި، އެ ނޫން ކަންކަމަކީ ހުރާފީ ބާތިލް ކަންތައްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި، އަދި އަމާޒުވާ ފާޑުކިއުންތަކާއި އެކު ޝަހީމް ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހިންގެ ސަގާފަތެއް ނޫންކަމަށެވެ. އަދި ދިވެހި ސަގާފަތަކީ އީދުގައި ފެން ޖެހުންކަމަށް ވިދާޅުވި އެވެ.

އިސްލާމީ ސަޤާފަތަކީ ކޮބާ؟ އިސްލާމީ ސަޤާފަތުގެ އަސާސަކީ، ﷲ އަށް ޙައްޤު ގޮތުގައި އީމާންވުމާއި އަޅުކަމުގެ އިތުރުން ދިރިއުޅުމުގެ ހުރިހައި ދާއިރާއެއްގެ ކަންކަން ބައްޓަންކުރުމަށް ﷲ ގެ ފޮތުގައި އެކަލާނގެ އަންގަވާފައިވާ އުޞޫލުތަކާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި އެކަލޭގެފާނު ބަޔާންކުރައްވާފައިވާ ކަންކަމަށް ތަބާވުމާއި ދުނިޔޭގެ ޙަޔާތަށް ފަހު އުޚުރަވީ ޙަޔާތް އޮތްކަން ޤަބޫލުކުރުމެވެ. މިކަންކަމުގެ މައްޗަށް އަމިއްލަ ގޮތްތައް ޚިޔާރު ނުކުރެވޭނެއެވެ.

ޝަހީމް ލިޔުއްވި ޕޯސްޓުގައިވެއެވެ.

އީދުގައި ފެން ޖެހުން ހުއްދަ ވެގެން ވޭތޯ، އާންމުންގެ މީހަކު ކުރި ސުވާލަކަށް ޝަހީމް ވިދާޅުވީ އެއީ ދީނީ ގޮތުން ފުށުއާރާކަމެއް ނޫންކަމަށާއި ދިވެހިން އީދު ދުވަހު ފެންޖަހައި އުޅުނީ ސަގާފަތުގެ އާދަކާދައިގެ ތެރެއިން ކަމަށެވެ.

އީދަށް މިދިޔަ ތިން ދުވަހު ވެސް ޝަހީމް އެކި ޕޯސްޓުތައް ކުރައްވާފައި ވެއެވެ. އެގޮތުން އިއްޔެ ކުރެއްވި ދެވަނަ ޕޯސްޓުގައި ވަނީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރެއްވި ދެ އީދު ދުވަހަކީ މި އުންމަތުގެ ރަމްޒެއް ކަމަށެވެ. އަދި މި ދެ އީދުގެ ތެރެއިން ފިތުރު އީދު އަންނަނީ އިސްލާމް ދީނުގެ ރުކުނެއްކަމަށް ވާ ފަރުޟު ރޯދައަށް ފަހުކަމަށާއި އަދި އަޟްހާ އީދު އަންނަނީ ހައްޖުގެ އަޅުކަމަށް ފަހުކަމަށް ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަމުންދާއިރު، ބައެއް ރަށްތަކުގައި ދިވެހިންގެ ސަގާފަތާއި ބީރަށްޓެރި އަދި ބޭރުގެ ގައުމުތަކުގައި އުފާ ފާޅުކުރުމުގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތަކާއި އެއްވަތަރު އެއްވުންތައް ބާއްވަމުން ގެންދާކަމަށް ބުނެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: