މިފްކޯ ސިފަކުރެވެނީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި އަލީ ނިޒާރު ވިދާޅުވީ، މަސްވެރިންނަށް މިފްކޯއިން ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން އައްޑޫގައި އިހްތިޖާޖް ފަށަން ޖެހުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވޭ މިފްކޯ ހިންގުމުގެ ވިޔާނުދާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެވި އެތަކެއް ސަރުކާރުތަކެއް ބަދަލުވެ، އަދި މިސަރުކާރުންވެސް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައި ނުވާކަމީ މަސްވެރިންނަށް މާޔޫސްކަން ގެނުވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މޭޔަރ ވިދާޅުވީ، އުންމީދަކި ސަރުކާރުން އައްޑޫގެ މަސްވެރިންގެ އަޑު އައްސަވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުން ކަމަށެވެ.
މަސްވެރިންގެ ބޭނުންވަނީ ފާއިތުވި ދެ މަހާއި 17 ދުވަހުގެ ތެރޭގައި ކިރުވި މަހަށް ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް މަސްވެރިންނަށް ދިނުމާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައި ދިނުމެވެ.
މި ސަރުކާރުން ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަނޑިއިރު ތެރޭގައި ހަވާލުކުރުމަށް ވައުދު ވެފައެވެ. ނަމަވެސް މަސްވެރިންވަނީ އެ މީހުންނަށް ލިބެންޖެހޭ ފައިސާ ޤަވައިދުން ނުލިބޭ ކަމަށް ބުނެފައެވެ. އަދި މި މަހު ފެށުނު ހިސާބުގައިވެސް މަސްވެރިންވަނީ އިހުތިޖާޖުކުރުމުގެ ގޮތުން ރިޔާސީ ފާލަން ހުންނަ ސަރަހައްދަށް ދޯނިތައް ގެނެސް، ކަންބޮޑުވުންފާޅުކޮށް ފައެވެ. މުޒާހަރާކުރި ސަރަހައްދަށްގޮސް މިނިސްޓަރ ވިދާޅުވި، ގިނަ ވައުދުތަކެއްވެ އައި މި ސަރުކާރަށް ހަ މަސްވެގެން ގޮސްފައިވާކަން ގަބޫލު ކުރައްވާކަމަށާއި ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ވި ވައުދުތައް މި ވަގުތު ފުއްދުމުގައި ދަތި ދަކެއް ހުރިކަން ފާހަގަކޮށްފައެވެ.

