އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ އެކަން ހައްލު ކުރުމަށް މިފްކޯއިން ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުން ދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ބުނެފައިވަނީ މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
2023 ވަނަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ހަލާސްކޮށްފައިވާކަމަށާއި މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8ރ ގެ ގެއްލުމެއްގައިކަމަށާއި މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއިއެކީ މަސައްކަތްކުރަމުން ގެންދާ ކަމަށާއި ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ މިކުންފުނިން ހިތާމަކުރާ ކަމެއްކަމަށާއި އަދި މިކަމާއިގުޅިގެން ގާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށް ވަނީ ބުނެފައެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވެސް މިްކޯއިން ވަނީ ބުނެފައެވެ.

