ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަފްތަރު ހުޅުވުމާ އެކު ފުރަތަމަ ބަޔާނެއް ލިޔުއްވާ ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މީގެ އިތުރުން ދަފްތަރުގައި ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ސްޕޯޓްސް މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީއާއި އެފްއޭއެމްގެ ވެރިންގެ އިތުރުން އެކި ދުވަސްވަރު ބަކާއާ އެކު މަސައްކަތް ކޮށްފައިވާ ކޯޗުން ވަނީ ދަފްތަރުގައި ސޮއިކުރައްވާފަ އެވެ.
ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި އަދި އެންމެ ވިދުންގަދަ އެއް ފުޓްބޯޅަ ކުޅުންތެރިޔާކަމަށްވާ ބަކާ ވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޔާވެފައެވެ. ބަކާ ނިޔާވެފައިވަނީ ރާއްޖެއިން ނުފެއްނަ ބައްޔެއް ކަމަށްވައި އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. ދިވެހި ފުޓްބޯޅައިގެ ރަން ޖީލު ކަމަށް ގިނަ ބަޔަކު ސިފަކުރަނީ، 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ޓީމަށެވެ. ބަކާ އަކީ އެ ޖީލުގެ މިޑްފީލްޑްގެ މައި ތަނބުކަން ފާހަގަކޮށްލެވެއެވެ. ބަކާގެ މަރާ އެކު، ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރި ގިނަ މީހުން ފާހަގަ ކުރީ އޭނާ އަކީ ފަރުޟު ނަމާދުތަކަށް އިސްކަންދީ، ދީނީ ވާޖިބުތަކަށް އަހަންމިއްޔަތުކަން ދިން ކުޅުންތެރިޔެއް ކަމަށެވެ. އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ، ޑރ. އަލީ ޒާހިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވަނީ، ބަކާ އެންމެ ފަހުން ކުރި މެސްޖްގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައިފަ އެވެ. ”ޝައިހް އެ ދުއާ ފޮތް ފޮނުވާލަދެއްޗޭ،“ ޑރ އަލީ ޒާހިރަށް ބަކާ، ފޮނުވި މެސްޖްގައިވެ އެވެ.

ބަކާގެ ހަނދާނުގައި މި ހުޅުވިފައިވާ ތައުޒިޔާގެ ދަފްތަރު އަންނަ އާދިއްތަ ދުވަހުގެ ރެއަށް ހުޅުވާފައި ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

