ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ދަރަންޏާ ބެހޭ ބިލް އަވަސް ކުރަން އަންނަ އާދިއްތަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައިފައިވާ، ދައުލަތުގެ ދަރަންޏާބެހޭ ބިލު އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ދައުލަތުން ދަރަނި ނަގައި، ބަލަހައްޓައި މެނޭޖުކުރަނީ، ޤައުމުގެ އިޤްތިސާދަށާއި މުސްތަޤުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން އަދި ޤައުމުގެ އިޤްތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭގެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި މޮނިޓަރ ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ މާލީ އަހަރު ފެށުމުގެ 90 ދުވަސް ކުރިން، ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންވާނެ ކަމަށާއި އަދި އެ ޕްލޭން މަޖިލިހުން ހުށަހަޅަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
ފުނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައިފައިވާ، ދައުލަތުގެ ދަރަންޏާބެހޭ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާއިރު، މަމްދޫޙް ވިދާޅުވީ، ނިމި ދިޔަ އެމްޑީޕީގެ ސަރުކާރުން ރިކަރަންޓް ޚަރަދުތައް ފޫބައްދަން ބޮޑެތި އިންޓަރެސްޓު ރޭޓުތަކުގައި ވައްކަމާ ކަރަޕްޝަނަށް މަގުފައިވާ ގޮތަށް ނަގާފައިވާ ރެކޯޑު އަދަދުގެ ލޯނުތައް ވެގެން ދިޔައީ ރާއްޖެ އިޤްތިސާދީ އަނދަވަޅަކަށް ވެއްޓިގެންދިޔަ މައިގަނޑު އެއް ސަބަބުކަމުގައެވެ. އަދި އެމްޑީޕީގެ ސަރުކާރުން ހަލާކުކޮށް ފުނޑުފުނޑުކޮށްލާފައިވާ އިޤްތިސާދު ހަމަމަގަށް އެޅުއްވުމަށް، ރަޢީސް ޑރ. މުއިޒްގެ ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.
އެޖެންޑާގައި ދެން ހިމެނިފައިވަނީ ކޮމެޓީތަކުން ހުށަހަޅާ ކަންތައްތަކާއި އޭގެ ތެރޭގައި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމާއި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ މައްސަލަ ހިމެނެއެވެ. އަދި ޙާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން ހިމެނެއެވެ.
މީގެ އިތުރުން، ”ސަމޯއާ އެގްރީމެންޓް“ ގައި ދިވެހިރާއްޖެއިން ސޮއިކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ މައްސަލަ، ޙާރިޖީ ގުޅުންތަކުގެ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށައެޅުންވެސް ހިމެނެއެވެ. ”ސަމޯއާ އެގްރީމަންޓް“ އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީ.ޔޫ. – އޯ.އޭ.ސީ.ޕީ.އެސް. ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.
”ސަމޯއާ އެގްރީމަންޓް“ ގައި ހިމެނޭ މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ. މި އެގްރީމެންޓުގައި ބައިވެރިވެ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. އަދި ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވެގެން ދާނެ އެވެ.“ސަމޯއާ އެގްރީމަންޓް“އަކީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުންގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފައިވާ ކަމެކެވެ.

