ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދަރަނި މެނޭޖު ކުރެވޭނެކަމަށް ވިދާޅުވެކަމަށާއި، ނަމަވެސް މިހާރު ދައްކަވަަނީ ހުސް ބަހަނާކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ދަރަންޏާ ބެހޭ ބިލަކީ މުހިންމު ބިލެއްކަމަށް ފާހަގަކޮށް ޣަފޫރު ވިދާޅުވީ، ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ މިއީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ބިލެއްކަމަށެވެ. ގަފޫރު ވިދާޅުވީ މިހާރުވެސް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނެއް އެބައޮތްކަމަށެވެ. ނަމަވެސް އޭނާ ސުވާލު އުފެއްދެވީ ސަރުކާރުން އެ ގާނޫނަށް އަމަލު ކުރޭތޯއެވެ.
ސަރުކާރުތައް ބަދަލުވެގެން އަންނައިރު، އެ ސަރުކާރަކުން ދައުލަތުގެ ދަރަންޏަށް ޒިންމާ އުފުލަން ޖެހޭނެކަމަށް ފާހަގަކޮށް ޣަފޫރު ވިދާޅުވީ، މިއަދު ވައްކަމުގެ ވާހަކަތައް އިންތިހާއަށް ދެކެވިގެންދާއިރު، ކުރީ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ މައްސަލައެއް މިކަންކަމާއި ބެހޭ މައްސަލަތައް ބަލްންޖެހޭ އެއްވެސް ތާކު ނެތްކަމަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކި ބޭފުޅުންގެ އަބުރު ކަތިލަމުން ދަނީ އެއްވެސް ހައްދެއް ނެތިކަމަށް ޣަފޫރު ވިދާޅުވިއެވެ.
އެއީތޯ އަޅުގަނޑުމެން މި ދެކެން އައި 20 ވަނަ މަޖިލީހުގެ ތަސައްވުރަކީ، ނޫން އެޔެއް ނޫން ތަސައްވުރަކީ، މީހެއް އަބުރު ކަތިލާއިރު، އެމީހަކާއި ބެހޭ ގޮތުން ބޮޑުކޮށް 10 ވަރަކަށް ފައިލު އޮންނަން ޖެހޭނެ ފުލުސް އޮފީހުގައި އާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލެވިފަ.
ޣަފޫރު ވިދާޅުވިއެވެ.
މީހެއްގެ މައްޗަށް ތުހުމަތު ކުރަނީނަމަ އެ މައްސަލައެއް ބަލަން ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅާފައި އޮންނަންޖެހޭނެކަމަށް ފާހަގަކޮށް ޣަފޫރު ވިދާޅުވީ، 20 ވަނަ މަޖިލީސް ދަނީ މަޖިލީހަށް އައި ތަސައްވުރާއި ދެކޮޅަށްކަމަށެވެ. މަޖިލީހުގެ މެންބަރުންގެ އިނާޔަތްތަކާއި، މުސާރަ ކުޑަކުރާ ވާހަކަ ދެކެވުނު ނަމަވެސް، ތަޅުމަށް އައިސް މެންބަރު ދެން ދައްކަވަނީ އެހެން ވާހަކައެއްކަމަށް ވިދާޅުވިއެވެ. އަދި ޣަފޫރު ވިދާޅުވީ އެބޭފުޅުން އެތިބީ މިކަންކަމަށް ތައްޔާރަށްކަމަށެވެ. ޣަފޫރު ވިދާޅުވީ މަޖިލީހުގައި ދައްކާ ވާހަކަތައް ގަބޫލުކުރުމަށް ރައްޔިތުންނަށް ދަތިވާ ހިސާބަށް ގޮސްފައިވާކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ނެގި ދަރަންޏަކީ މިހާރު ދައްކަން ޖެހޭ ދަރަންޏެއް ނޫންކަމަށާއި، އެ ދަރަނި ދައްކަން ޖެހޭނީ 2025 ވަނަ އަހަރުގައިކަމަށް ފާހަގަކޮށް ޣަފޫރު ވިދާޅުވީ، ނުދެއްކިގެން މިއުޅެނީ ޕީޕީއެމް/ޕީއެންސީގެ ކުރީ ވެރިކަމުގެ ދަރަނިކަމަށެވެ.
ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާކަމަށް ޣަފޫރު ވިދާޅުވިއެވެ. ކޮންމެ ކުންފުންޏަކަށް 800 އާއި ގާތް ކުރާ އަދަދަކަށް މުވައްޒަފުން ވައްދާފައި އެބަތިކަމަށާއި، މިތަންތަނުން ދައުލަތަށް ވަންނަން ޖެހޭ އާމްދަނީ ނުވަންނަކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ ދައުލަތުގެ ދަރަނި އިތުރުވާ ސަބަބަކީ މިއީކަމަށެވެ. ފްލެޓުތަކުން ނަގާ ކުލި ކުޑަކުރުމުގެ ސަބަބުންވެސް ދައުލަތަށް ލިބޭ އާމްދަނީ މަދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާއިން ފަތުރުވެރިން އަންނަ އަދަދު މަދުވުމުގެ ސަބަބުންވެސް ގެއްލުންވެފައިވާކަމަށް ޣަފޫރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެއްޖެއެވެ.
އިހުލާސްތެރި ނިޔަތުގައި މަސައްކަތް ކުރަން ބޭނުންވާނަމަ، ހުރި ގޯސްތައް ހާމަކުރަން ޖެހޭކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ. ޕީއެންސީއިން ވެރިކަމަށް ވަޑައިގަތީ ދަރަނި މެނޭޖު ކުރެވޭނެކަމަށް ވިދާޅުވެކަމަށް ފާހަގަކޮށް ޣަފޫރު ވަނީ އެ މަންޒަރު ނުފެންނަކަމަށް ވިދާޅުވެފައެވެ. ވެރިކަމަށް އައުމަށްފަހު ބަހަަނާ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ދޭން ޖެހޭ ހިދުމަތްތައް ހުއްޓުމެއް ނައިސް ދެވެން ޖެހޭކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމަށް ގެނައިނަމަ ދަރަނިވެސް މެނޭޖު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

