ދަޢުލަތުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ކުދިންގެ ހަފްތާ ޕިކްނިކް އަލުން ފަށާފައިވާ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ، ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ފިޔަވަތި ހިޔާގައި ދިރިއުޅޭ ކުދިންގެ ހަފްތާ ޕިކްނިކް އަލުން ފަށައިފައިވާކަމަށާއި، މި ހަފްތާގެ ހަރަކާތުގައި ފިޔަވަތީގައި މަސައްކަތްކުރައްވައި ސްޓާފުންނާއި އަދި ކެއަރ ވޯކަރުންވަނީ ބައިވެރިވަޑައިގެންފައި ކަމަށެވެ. އަދި ދައުލަތުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ކޮންމެ ކުއްޖަކީވެސް އުފާވެރި ވެއްޓެއްގައި ދިރިއުޅެމުންދާ ކުއްޖެއްކަން ކަށަވަރު ކުރުމަކީ އެ ވުޒާރާގެ ޒިންމާއެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެ ވުޒާރާއިން ބުނެފައިވަނީ ކޮންމެ ކުއްޖަކީވެސް އާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަމާއި އަދި އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަޤީންކުރުމަކީ އެ ވުޒާރާގެ ޒިންމާއެއް ކަމަށާއި އަދި ކުޑަކުދިންނާއި ގުޅުންހުރި އެންމެހައި ކަންކަމުގައި އެ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ އެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، އެކި ސަބަބުތަކާއި ހުރެ ދައުލަތަށް ނަގައިފައި ތިބޭ ވަގުތުތަކުގައި އެ ވުޒާރާއިން ގެންދަނީ ކުދިންގެ އާއިލާތަކާއެކު ގާތުން މަސައްކަތްކޮށް އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އެފަދަ ޢާއިލާތަކުގެ ޙާލު ބެލުމާއި، ހާލަތު ރަނގަޅުކުރެވި، އެ ކުދިން އާއިލީ ދިރިއުޅުމަށް އަނބުރާ ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވިގެންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އާއިލީ ދިރިއުޅުމުގައި އުޅޭއިރު އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ މަސައްކަތްތައްވެސް އެ ވުޒާރާއިން ޙާއްސަ އިސްކަމެއްދެއްވައި ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

