ހދ. ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށްކަމަށް އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނު ހަނިމާދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.
ވަޒީރު “ އެކްސް “ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ހދ. ހަނިމާދޫއަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަކަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ބައިވެރިންނާއި ވަޒީރު ވަނީ ބައްދަލުކުރައްވައިފައެވެ.

ހަނިމާދޫ އެއަރޕޯޓް މަސައްކަތް ހިންގަނީ އިންޑިއާގެ އެގްޒިމް ބޭކުގެ ލައިން އޮފް ކުރެޑިޓް ދަށުންނެވެ. އަދި މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ކުންފުނިއާއެވެ. ހަނިމާދޫގައި އެއާރޕޯޓް ތަރައްޤީކުރުމަށް ނިންމައިފައިވަނީ 2،460 ކިލޯ މީޓަރުގެ އައު ރަންވޭއެކެވެ. މި ޓާމިނަލްއަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޙިދުމަތްދެވޭނެ ޓާމިނަލްއެއް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި އެއާރޕޯޓް ފުރަތަމަ ފިޔަވަހީގެ މަސައްކަތްނިމި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރީޖަނަލް އެއަރޕޯޓުން ފާހަގަކުރެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީކުރެވުމާއެކު ހަނިމާދޫއިން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވެގެންދާނެ އެވެ.

