މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމާއި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތާ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްޤީކުރުމާއި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ނައިބު ރައީސް އާއި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދާންދޫ ކައުންސިލުގެ މެންބަރުންނަށް ދެއްވިއެވެ.

