ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ލަމްހާގެ ދައްތަގެ ހެކިބަސް ކޯޓުން ނަގައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ލަމްހާގެ ދައްތަ ހާޒިރުކޮށް، ހެކިބަސް ނެގީ ދައުލަތުގެ ހެކިވެރިއެއްގެ ގޮތުންނެވެ.

ލަމްހާގެ ދައްތަ ބުނީ ލަމްހާ އާއި މާވިންއާ ރަށްޓެހިވެގެން އުޅޭތީ މޭރީ އާއި މާވިންއާ ދެމެދު މައްސަލަ ޖެހޭ ވާހަކަ ލަމްހާ ބުނި ކަމަށެވެ. ނަމަވެސް މޭރީ މަރުވި ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިނގިކަން އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ. ދައުލަތުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ނުލިބޭތީ، އޭނާގެ ތަހުގީގު ބަޔާން ކޯޓުގައި ދައްކަން ދައުލަތުން އެދުނެވެ. އެކަމަކު، އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

އޭނާ ބުނީ ލަމްހާއަކީ ކޮއްކޮ ކަމަށްވާތީ އެ މައްސަލާގައި ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ދައުލަތަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ވަކި ގޮތަކަށް ހެކިބަސް ދޭން މަޖުބޫރު ނުވާނެ ކަމަށާއި އަދި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ބަންދު ކޮށްގެން ގެންދާނެ ކަމަށް ދައުލަތުން ބުނުމުން ކޯޓަށް އައީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ވަކި ގޮތަކަށް ހެކިބަސް ނުދޭން ލަމްހާގެ ވަކީލުން އޭނާ އަށް އިރުޝާދު ދީފައެއް ނުވެ އެވެ.

ލަމްހާ އާއި މާވިންއާ އެކު އެ ދުވަސްވަރު އައިޖީއެމްއެޗްގައި މަސައްކަތްކުރި ދެ ނަރުހަކު ވެސް މިއަދު ހެކިބަސް ދިނެވެ. އޭގެ ތެރެއިން އެކަކު ހެކިބަސް ދިން ގޮތުގައި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ލަމްހާ އޭނާގެ ގާތު ބުނެފައި ވެ އެވެ. މޭރީ އާއި މާވިން ނިސްބަތްވާ ފިލިޕީންސްގައި ވަރިކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ލަމްހާ އޭނާ ގާތު ބުނެފައިވާ ކަމަށް ވެސް އެ ނަރުސް މީހާ ބުންޏެވެ.

ދެ ވަނަ އަށް ހެކިބަސް ދިން ނަރުސް މީހާ ބުނިގޮތުގައި މާވިން އެހެން މީހަކާ އެކު ދައްކާފައިވާ ވާހަކަތަކެއްގެ ޗެޓްލޮގެއް މެސެންޖާ މެދުވެރިކޮށް މާވިން އޭނާ އަށް ފޮނުވި އެވެ. އެ ޗެޓްލޮގް ފަހުން ޑިލިޓްކުރަން މާވިން އެދުނު ކަމަށާއި ނަމަވެސް ހަނދާން ނެތިގެން އެކަން ނުކުރެވި ހުއްޓާ ފުލުހުންގެ އެދުމުގެ މަތިން ފުލުހުންނަށް އެ ޗެޓްލޮގްތައް ދައްކާފައިވާ ކަމަށް ނަރުސް ބުންޏެވެ. ނަމަވެސް އެ ޗެޓްލޮގްތަކުގައި ހުރި ވާހަކަތަކެއް އޭނާ ބުނެފައެއް ނުވެ އެވެ.

މޭރީ މަރުވުމުން ހޮސްޕިޓަލަށް ގޮސް ފޮޓޯތައް ނެގި ފުލުސް އޮފިސަރެއްގެ ހެކިބަސް ވެސް ކޯޓުން ވަނީ ނަގާފައެވެ. އެ މައްސަލާގައި އިތުރު ހެކިންތަކެއްގެ ހެކިބަސް ވެސް ނަގާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: