އިސްލާމީ ޢިލްމުގެ ވަރަށް މުހިންމު ފޮތްތަކެއް ތަރުޖަމާކުރެއްވުމުގެ ބޮޑު މަޝްރޫއެއް ފެށިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، އިސްލާމީ ޝަރީއަތާއި އިސްލާމިކް ސްޓަޑީސްގެ ދާއިރާއިންނާއި އަދި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ އިސްލާމީ ޢިލްމުގެ ވަރަށް މުހިންމު ފޮތްތަކެއް ތަރުޖަމާކުރެއްވުމުގެ ބޮޑު މަޝްރޫއެއް ފެށިފައިވާ ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ، މިއީ އިއުލާނުކުރެވޭ މި ފަދަ އެންމެ ބޮޑު މަޝްރޫއުކަމަށެވެ.
އަރަބި ބަހުން ހުރި ދީނީ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ބަޔަކު ހޯއްދަން އެ ވުޒާރާއިން ވަނީ ޢިޢުލާންކޮށްފައެވެ. މި މުހިންމު މަސައްކަތް ބީލަމަށް ހުޅުވައިލައިފައި ވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރާން ނުޖެހޭ އަމިއްލަ ފަރުދުންނާއި އިލްމީ މުއައްސަސާތަކަށް ބައިވެރިވެވޭ ގޮތަށް ކަމަށް އެ ވުޒާރާގެ ޢިއުލާނުގައި ވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު މުހިންމު ހަ މަހާސިންތާއެއް ބޭވުމަށްވެސް ވަނީ ޢިއުލާންކޮށްފައެވެ. މީގެ ތެރޭގައި ޢިލްމުވެރީންގެ މަހާސިންތާއަކާއި ޖަމިއްޔާތަކުގެ މަހާސިންތާއަކާއި އިމާމުންގެ މަހާސިންތާއަކާއި ޒަކާތުގެ މަހާސިންތާއަކާއި ހައްޖާއި އުމްރާގެ މަހާސިންތާއަކާއި އަދި ފަތުވާ މަހާސިންތާއެއް ބޭވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާތައް ވަނީ އަހަރުގެ އެކި މައްސަރުތަކަށް ބަހައިލައިފައެވެ.

