ށ. އަތޮޅުގައި އިބަމަ ތަމްރީން ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލި ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިބަމަ ޕްރޮގުރާމަކީ ށ. އަތޮޅު ކައުންސިލް އިދާރާގެ އިސްނެގުމާއެކު އެ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އިބަމަ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އިބަމަ ތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 16 އިން 18 އަށް ށ. ފުނަދޫ ގައެވެ. މި ޕްރޮގުރާމުގައި ށ. އަތުޅުގެ ހުރިހާ ރަށަކުން އިބަމަ މެންބަރުން ބައިވެރިވެއެވެ. ކޮންމެ އިބަމަ ގްރޫޕަކުން ބައިވެރިވާން ހަމަޖެހިފައިވަނީ 4 މެމްބަރުންނެވެ.
މި ޕްރޮގުރާމުގެ މަޤްސަދަކީ ށ. އަތޮޅުގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ އިބަމަ ގްރޫޕްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެ ފާރާތްތަކަށް ފޯރުކޮށް ދިނުމާއި ހުނަރު ތަރައްޤީކުރުމެވެ. އަދި މި ޕްރޮގްރާމުގައި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުންވެސް ހިމެނެއެވެ. އިބަމައިގެ މަސައްކަތްތައް ކުރިއަށްގެންދަން އިބަމައިގެ މެންބަރުންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ހާލަތު ވަޒަންކުރުން ހިމެނެއެވެ. އަދި އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަން ފާހަގަކޮށް އެކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެ މަސައްކަތްތަކަށް މެންބަރުން އަހުލުވެރިކުރުމުގެ ހަރަކާތްތައްވެސް މި ތަމްރީނު ޕްރޮގުރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުގެ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޖަމާޢަތުގެ އިޖްތިމާޢީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރު ކުރުމަށް ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ހައްލު ހޯދޭނެ އިންތިޒާމް ގާއިމުކުރުމަށާއި މުޖުތަމަޢުގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިޖުތިމާޢީ ރައްކާތެރިކަން ވިލަރެސް ކުރެވިފައިވާ ނިޒާމަކުން ކަށަވަރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަސަވަސްކޮށްދިނުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށް ވަނީ ބުނެފައެވެ.

