އިދިކޮޅު މައި ޕާޓީއެއްގެ ރޯލު އަދާކުރުމަށް، މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް އެމްޑީޕީ ފަސް ނުޖެހޭނެކަމަށް މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އޮތް، އެމްޑީޕީ ދަނީ ހަރުގެ ޖަލްސާތައް ބާއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކި ގޮތްގޮތުން ފާޑުކިއުން އަމާޒު ކުރަމުންނެވެ. އެގޮތުން، މީގެ ކުރިން ވެސް ރައީސް މުއިއްޒަށް އެކި ތުހުމަތުތައް ކުރެއްވި ފަލާހު ވިދާޅުވީ ސަރުކާރަށް ހަތް މަސް ވެގެން ދިޔައީ ރައްޔިތުންނަށް ބޭނުންވި ހަގީގީ މަންފާ ނުލިބި ކަމަށެވެ. އަދި ރައްޔިތުން ވިސްނަންވީ، އުޅެން ޖެހިފައިވާ ހާލަތުގެ މަތީންކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިޔަށް އަނެއްކާ ވެސް ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަން އޮތުމުން އެކަން ފާހަގަކޮށް ފަލާހު ވިދާޅުވީ، އެމްޑީޕީއަށް މިދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބު ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭން ހުރިހާ ގޮތަކުން އެމްޑީޕީން މަސައްކަތް ކުރިކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންގެވީ ކާމިޔާބު ސޯޝަލް ހައުސިން ޕްރޮޖެކްޓެއްކަމަށާއި، އެމަނިކުފާނުގެ މަސައްކަތްތަކަށް ވެރިކަމަށް އައިސް ހުރަސް އެޅީ މި ސަރުކާރުންކަމަށް ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީއިން ކުރި މިފަދަ މަސައްކަތްތައް މި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ފާހަގަކުރަނީ މުހިންމު ރަނގަޅު ކަންތައްތަކެއްގެ ގޮތުގައިކަމަށް ފަލާހު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ވިސްނާލަމާ ހިނގާ. އަޅުގަނޑުމެންގެ ޕާޓީއަށް އަޅުގަނޑުމެންގެ ސަރުކާރަށް، މާލޭ ރައްޔިތުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް، ވަރަށް ބޮޑެތި ކަންކަން ކުރެވިއްޖެ.
ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ތަން ތަނަށް އެއްވެ މުޒާހަރާ ކުރަން ބިރު ގަންނާނެ ޕާޓީއެއް ނޫންކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، ކުރިއަށް އޮތީ އެމްޑީޕީއިން މަސައްކަތް ކުރަންޖެހޭ ދުވަސްތައްކަމަށެވެ. ކަން ކުރަންވީ ގޮތް އެމްޑީޕީއަށް އެގޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބަސް ބުނެވޭ ވަރުގެ މީހުން އިންތިހާބުކުރުމަކީ އެމްޑީޕީއިން ކުރަން ޖެހޭކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ. އިންތިހާބުވުމަށްފަހު ބައެއް ކެންޑިޑޭޓުން އެމްޑީޕީ ދޫކޮށް ދާކަން ފާހަގަކޮށް އެހެން ނެހެދުމަށް ފަލާހު ގޮވާލިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ އެމްޑީޕީއިން ހިންގި މަޝްރޫއުތަކުން ރައްޔިތުންނަށް ލިބެން ޖެހޭ ނަފާ މި ސަރުކާރުގެ ސަބަބުން ނުލިބޭކަމަށެވެ. އެގޮތުން ގުޅީފަޅު ހިއްކާ ނިންމާފައި އޮތް ނަމަވެސް އަދިވެސް އެ ތަނުން ގޯތި ދޫނުކުރާކަމަށް ފަލާހު ވިދާޅުވިއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު އޮތީ ހުއްޓާލާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންމެ އިންތިހާބަކާއި ދިމާކޮށް، އެތަން ތަނުން ގޯތި ދޭނެކަމުގެ ހުވަފެން ދެއްކި ނަމަވެސް މި ސަރުކާރުން އެ ގޯތިތައް ނުދޭނެކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ އެ ގޯތިތައް ރައްޔިތުންނަށް ހޯދައިދނުމުގެ ގާބިލްކަން އެމްޑީޕީގެ ހުންނާނެކަމަށެވެ.
ސަރުކާރަށް ގެއްލުމެއްވާ ކަމެއް އޮތް ނަމަ އެކަންތަކުގެ ޒިންމާ ނަގަން ޖެހެނީ ކުރީ ސަރުކާރުންކަމަށާއި، ނަމަވެސް ފައިދާއެއް ލިބޭކަމަކަށްވާނަމަ އެއީ މި ސަރުކާރުން ކުރިކަމަކަށް ހައްދަވާކަމަށް ފަލާހު ވިދާޅުވިއެވެ.

