ރާއްޖެއިން 1.2 މިލިއަން ޑޮލަރުގެ އެހީ ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މި މައުލޫމާތުތައް ހިއްސާކޮށް ބުނީ، އ.ދ ގެ މައި މަރުކަޒުގައި މިއަދު ކުރިއަށްދިޔަ އަންރުވާ ޕްލެޖިންގް ކޮންފަރަންސް ގައި 1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް ދިވެހިރާއްޖެއިން ފަލަސްޠީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރަން ހަމަޖެހިފައިވާކަން އިއުލާނުކޮށްފައިވާ ކަމަށެވެ. އެ ނިންމުން އިއުލާނު ކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
މަންދޫބުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ”ފަލަސްޠީނާއެކު ދިވެހީން“ މި ނަމުގައި ޤައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާކަން ނަސީރު ފާހަގަ ކުރެއްވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ނަސީރު ވަނީ ގޮވާލައްވާފަ އެވެ.
ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް “އަންރުވާ” އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.
މި ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. އެހެންނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50،000 ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރުމަށް ނިންމީ މިދިޔަ މަހު އެވެ.
ފައިސާ ހަވާލު ކުރާނެ ގޮތުގެ ތަފްސީލު ދެއްވައި ޒަމީރު ވިދާޅުވީ، ފައިސާ ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ފައިސާ ހަވާލު ކުރުމުގެ މަރުހަލާއަށް ބޭނުންވާ އޮޑިޓިންއަށް މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސް އެލްއެލްބީ ހަމަޖައްސާފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
ޖޫން މަހު ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް މީޑިއާތަކަށް ގުޅިގެން ބޭއްވި ތެލެތޯންއަށް ލިބޭ ފައިސާ ފަލަސްތީނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ، އދ ގައި އެކަމަށް ހާއްސަ ފަނޑު މެދުވެރިކޮށެވެ. މިއީ އދ. އިން ކޮންމެ އަހަރަކު ވެސް އޮޑިޓު ކުރާ ފަންޑެއްކަމުން ފައިސާ ހަވާލު ކުރުން ކުރިޔަށް ގެންދާނީ ވަރަށް ބޮޑަށް ޓްރާންސްޕޭރަންޓު އުސޫލުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

