ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ސްޓޭޓް މިނިސްޓަރުގެ މަގާމާއި ހަވާލުވުމުގެ ކުރިން ވެސް ހުޅުމާލެއިން އެޕާޓްމަންޓު ގަނެފައިވާނެކަމަށް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެ އެވެ.
ހުޅުމާލެގެ އެފްޑަބްލިއު ރެސިޑެންސްގެ 1،200 އަކަފޫޓުގެ ފްލެޓެއް ޒިފްލީން 3.5 މިލިއަން ރުފިޔާއަށް ބައްލަވައިގަތްކަމަށް މީޑިއާތަކުން ރިޕޯޓު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފްލެޓުގެ މައުލޫމާތުތައް މީޑިއާތަކަށް އެނގިފައި ވަނީ، ސިވިލް ކޯޓުން އެޕާޓްމަންޓަށް ޒިފްލީނާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ދެމެދު ކުރި މުއާމަލާތާއި ގުޅޭ ހުކުމް އާންމު ކުރުމުންނެވެ. އެ ހުކުމުން އެނގޭ ގޮތުގައި، އެ އެޕާޓްމަންޓު ޒިފްލީނާ ގަނެފައި ވަނީ ޖުމްލަ ތިން މިލިއަން ފަސްލައްކަ ފަސްދޮޅަސް ތިންހާސް ހަސަތޭކަ ސާޅީސް ހަތް ރުފިޔާއަށެވެ. އަދި ހުކުމުގައި ވަނީ، އެ ފައިސާ އެޕާޓްމަންޓު ވިއްކާ ފަރާތަކަށް ދައްކައި ހަލާސްކޮށްފައިވާކަމަށެވެ.
އެ ފްލެޓު ގަނެފައިވާ ތާރީހާއި، ފައިސާ ދެއްކި ގޮތުގެ ތަފްސީލެއް ހުކުމުން އެނގެން ނެތް އިރު އެއީ ޒިފްލީނާ ކޮން ގޮތަކުން ހޯދި ފައިސާއެއް ތޯ ބެލުމަށް ގޮވާލައި ބައެއް މީހުން ނުރުހުންފާޅު ކުރި އެވެ. އެ ތުހުމަތުތަކާއި، ފާޑުކިއުންތަކަށް ރައްދު ދެއްވައި ޒިފްލީނާ ވިދާޅުވީ އެ އެޕާޓްމަންޓު އޭނާ ގަނެފައި ވަނީ ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަމާއި ހަވާލުވުމުގެ ކުރިޔަަށްކަމަށާއި އޭނާ މަގާމާއި ހަވާލުވުމަށް ހުށަހެޅި އެސެޓް ޑިކްލެރޭޝަން ފޯމުގައި ވެސް އެކަން ހިމަނާފައިވާނެކަމަށެވެ.
ޒިފްލީނާ ވިދާޅުވީ، ގިނަ ބައެއްގެ ސަމާލުކަމަށް އައި ކޯޓުގެ ނިންމުމަކީ އެއީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ނިންމި އިދާރީ މަސައްކަތްކަމަށެވެ. އަދި އެ އެޕާޓްމަންޓުގައި ދިރިއުޅޭތާ ވެސް މިހާރު ހަތަރު އަހަރުވެފައިވާކަމަށް ވިދާޅުވި އެވެ.
ޙޢަޅުގަނޑަށް ނިސްބަތްކޮށް މީޑިއާ އާއި ސޯޝަލް މީޑިއާގައި ފަތުރަމުންގެންދިޔަ ވާހަކަތަކާއި ގުޅިގެން ދަންނަވަމެވެ. ހުޅުމާލޭގައި ހުރި އެޕާޓްމަންޓް ބިލްޑިންގ އަކުން އަޅުގަނޑު އެޕާޓްމަންޓެއް ގަނެފައި ވާނީ އަޅުގަނޑަށް ސްޓޭޓް މިނިސްޓަރގެ މަޤާމް ދެއްވުމުގެ ކުރިންނެވެ. މަޤާމާއި ހަވާލުވެ، ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި މި އެޕާޓްމަންޓްގެ މައުލޫމާތު އަޅުގަނޑުވާނީ ހިމަނާފައެވެ. 8 ޖުލައި 2024 ވަނަދުވަހު އަޅުގަނޑުގެ ނަމަށް މި އެޕާޓްމަންޓް ބަދަލުކޮށް ކޭސް ނިންމާފައި ވަނީ އިމާރާތްކުރި ފަރާތާއި އެޗްޑީސީ އިން ކުރަންޖެހޭ އިދާރީ ކަންކަން ނިންމުމަށްފަހު، އަޅުގަނޑު އެޕާޓްމަންޓްގައި ދިރިއުޅެމުން އަންނަތާ 4 އަހަރު ފަހުންނެވެ. އެޕާޓްމަންޓް އަޅުގަނޑު ހޯދާފައިވަނީ އަޅުގަނޑަށް ސްޓޭޓްމިނިސްޓަރެއްގެ މަޤާމު ލިބުނު ފަހުން ކަމުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރާފައި ވާތީއާއި، އަދި އެއްވެސް ނޫހަކުން މައުލޫމާތު ހޯދުމަށް ގުޅާލުމެއްވެސް ނެތި ކަމުގައިވާތީ ހިތާމަކުރަމެވެ. އޮޅުން އަރާގޮތަށް މީޑިއާގައި މިވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑު ބުނިކަމަށް ބުނެ، ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޅުގަނޑުގެ ފޮޓޯ އެކިގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީވެސް ހިތާމަކުރަމެވެ.
މިއީ ސްޓޭޓް މިނިސްޓަރުކަން އަދާ ކުރިފަހުން ހޯދި މުދަލެއްކަމަށް އަޑު ފެތުރި، އެގޮތަށް މީޑިއާތަކުގައި ލިޔެފައި ވާތީ ކަންބޮޑުވާކަމަށް ޒިފްލީނާ ވިދާޅުވި އެވެ. އަދި ރެޖިސްޓަރީ ނުކުރާ ނޫސްތަކެއްގައި، އޭނާގެ ރައްދުކަމަށް ބުނެ ގެނެސްފައިވާ ބޭއަދަބީ ހަބަރުތަކަކީ އަބުރު ކަތިލުމުގެ ގޮތުން ކުރިކަމެއްގެ ގޮތުގައި ޒިފްލީނާ ވިދާޅުވި އެވެ.
ސިޔާސީ ގޮތުން މީހުންނާއި، ދިމާކޮށް ޖެއްސުން ކުރުން އާންމުކަމަކަށް ވެ އަންހެނަކަށް ވީތީ ކުރާ ފުރައްސާރަ ވެސް ގިނަވެފައިވާކަމަށް ޒިފްލީން ވިދާޅުވެފައި ވެއެވެ.

